ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ މެހެމާންދާރީ އާއި ޚިދުމަތްތައް ތަޖުރިބާ ކޮށްލުމަށް މަޝްހޫރު ނޫސްވެރިން ހިމެނޭ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޖަރުމަންވިލާތުގެ މަޝްހޫރު ނޫސްވެރިންނާއި ބްލޮގަރުން ހިމެނޭ މި ޓީމު ރާއްޖެ މިއައީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) ގެ ދައުވަތަކަށެވެ.

Ad
rt

މޭ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ޖޫން 4 ގެ ނިޔަލަށް މި ޓީމުން ކުރި މި ދަތުރުގައި ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ތަފާތު ތަޖުރިބާތަކާއި ރާއްޖޭގެ މެހެމާންދާރީ މި ޓީމުން ވަނީ ތަޖުރިބާކޮށްފައެވެ.

ވިޒިޓް މޯލްޑިވްސް’ ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ގައި ބައިވެރިވުމަށްފަހު، ފެށި ފެމިލިއަރައިޒޭޝަން ދަތުރުގައި މި ޓީމު ތިބީ ލެ މެރިޑިއަން މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އަދި ޑަބްލިއު މޯލްޑިވްސްގައެވެ.

މި ޓީމުގައި ހިމެނެނީ 4 ޕަބްލިކޭޝަނެއް ތަމްސީލުކުރާ 4 ނޫސްވެރިންނާއި، ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތަކުގެ (ޖަރުމަނުވިލާތް، ސްވިޒަލޭންޑް، އޮސްޓްރިއާ) 1 ޕީއާރު ރެޕްރެޒެންޓޭޓިވްއެވެ.

މި ދަތުރަކީ 'އެފޯޑެބަލް ލަގްޒަރީ'، ލޯކަލް ޓޫރިޒަމް, އަދި ރާއްޖޭގައި ކުރިއަށްދާ ދެމެހެއްޓެނިވި ހަރަކާތްތަކުގެ މައްޗަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ދަތުރެކެވެ.

ރާއްޖެއިން ލިބެން ހުރި ތަފާތު ހިދުމަތްތަކާއި ޕްރޮޑަކްޓްތައް ތަޖުރިބާކޮށް، އެ ތަޖުރިބާތައް އޮންލައިން އާޓިކަލްތަކާއި ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ޒަރިއްޔާއިން ޖަރުމަނުވިލާތުގެ ކިއުންތެރިންނާއި ބެލުންތެރިންނާ ހިއްސާކުރާނެއެވެ.

މީގެ ސަބަބުން ރާއްޖޭގެ ބްރޭންޑާ މެދު މި މާކެޓުގައި އޮތް ހޭލުންތެރިކަން އިތުރުވެ، ރާއްޖެ އަކީ ދެމެހެެެއްޓެނިވި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރެވޭނެއެވެ.

މި ދަތުރުގައި ބައިވެރިވާ މީޑިއާ މެމްބަރުން ތައްޔާރުކުރާ އެކި ކޮންޓެންޓުގެ ޖުމްލަ އިމްޕްރެޝަންސް 2,568,000 އަށް ވުރެ ގިނަވާނެކަމަށް ބެލެވެއެވެ.

މި މީޑިއާ ދަތުރަކީ ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތަކަށް ކަނޑައަޅާފައިވާ، އެމްއެމްޕީއާރުސީން ގެ މާކެޓިންގ ސްޓްރެޓެޖީގެ ދަށުން ހިންގާ ހަރަކާތެކެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ ރާއްޖޭގެ ތަފާތު ތަޖުރިބާތަކާއި ހިދުމަތްތައް މި ސަރަހައްދުގެ ފަތުރުވެރިންގެ މެދުގައި މާކެޓްކުރުމަށެވެ.

ޖަރުމަނުވިލާތަކީ ރާއްޖެއަށް 4 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓެވެ. ޖޫން 6 ގެ ނިޔަަލަށް 61,674 ފަތުރުވެރިންވަނީ މި އަހަރު ޖަރުމަނުވިލާތުން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މި އަހަރު ޖަރުމަނު މާކެޓުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް، ކެމްޕޭންތަކާއި ޕްރޮމޯޝަންތައް ހިމެނޭ ބޮޑު ޕްލޭނެއް އެމްެއެމްޕީއާރސީ އިން ވަނީ އެކަށައަޅާފައެވެ.