ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭނެ ކަންތައްތައް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިންނާ އެމަނިކުފާނު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލް އޮތް މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސަރުކާރުން ކުރިޔަށްގެންދާ ތަރައްޤީގެ މަސައްކަތްތަކާއެކު މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާކަމަށެވެ. އަދި ޙާއްޞަކޮށް މީހުން ބިނާކުރުމަށާއި ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ދަރިންތަކެއް އުފެއްދުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާކަމުގައި ވިދާޅުވިއެވެ.

މިގޮތުން އައު ދިރާސީ އަހަރާއެކު ސްކޫލްތަކާއި މުޖުތަމަޢަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ކަންކަމަށް ލޯބިޖެއްސުމަށް އަމާޒުކޮށް އިތުރަށް މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޤުރުއާން މުބާރާތްތަކާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިޔަށްގެންދެވޭ ހަރަކާތްތައް ކުރިޔަށްއޮތްތަނުގައި ވެސް މެދުކެނޑުމެއްނެތި ކުރިޔަށްދާނެކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ރޭގެ ވާހަކަފުޅުގައި ވަނީ ހެދިބޮޑުވެގެން އަންނަ ޖީލުތަކަކީ ދީނަށް ލޯބިކުރާ، ޢިލްމީ އަދި ތަހުޒީބު ބަޔަކަށް ހެދުމަށާއި މުޅި މުޖުތަމަޢުގެ ހެވާ ލާބައަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވަނީ، 1444 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޕްރޮގްރާމްތަކުގައި ޝާމިލުވެވަޑައިގެންނެވި ޢިލްމުވެރިންނާ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.