ކޭ ޕާކް އެޕާޓްމެންޓްތަކުގެ މައްސަލާގައި ކޯޓަށް ދިޔަ ގިނަ ބަޔަކަށް މައްސަލަ ކާމިޔާބު ނުވުމުން ގާނޫނީ ހަރަދަށް 10,000ރ. ދައްކަން ޖެހިއްޖެ އެވެ.
ބޭރުގެ ކުންފުންޏެއް ކަމަށްވާ ހަންބޯއިން ތަރައްގީކުރާ ކޭ ޕާކް އެޕާޓްމެންޓްތަކުގެ މައްސަލާގައި ބައެއް މީހުން ކޯޓަށް ދާން ފެށީ އެ ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ މަމްދޫހް (މަންޑޭ) އެ ކުންފުންޏަށް ނޭނގި އެކި މީހުންނަށް އެޕާޓްމަންޓްތައް ވިއްކިކަމުގެ ތުހުމަތުކޮށް ފުލުހުން މައްސަލަ ބަލަން ފެށުމުންނެވެ.
އެޕާޓްމެންޓްތަކަށް ފައިސާ ދެއްކި ބައެއް މީހުން ކޯޓަށް ދިޔައީ އެ މީހުން ފައިސާ ދެއްކި ތަންތަން އެހެން ބަޔަކަށް ނުދިނުމުގެ ވަގުތީ އަމުރެއް ހޯދުމަށެވެ.
އެހެނަސް ސިވިލް ކޯޓުން މި ހަފުތާގައި ނިންމީ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށެވެ. އަދި މައްސަލަ ނާކާމިޔާބުވެއްޖެނަމަ އަނެއް ފަރާތުގެ ގާނޫނީ ހަރަދު ނާކާމިޔާބުވި ފަރާތުން ދޭންޖެހޭނެ މަދަނީ އިޖްރައާތުގެ ގާނޫނުގައި އޮންނާތީ ހަންބޯ ކުންފުނިން ވަކީލުންނަށް ކުރި ހަރަދު އެ މީހުން އެ ކުންފުންޏަށް ދޭންޖެހޭނެ ކަމަށް ކޯޓުން ނިންމި އެވެ.
ކޯޓުން މިހާތަނަށް ވަނީ ހަތަރު މީހެއްގެ މައްސަލާގައި އެގޮތަށް ނިންމައިފަ އެވެ. އަދި ގާނޫނީ ހަރަދަށް ހަންބޯ ކުންފުނިން ހޭދަކުރި 10,000ރ. ކޮންމެ މީހަކު ވަކިވަކިން ދޭންޖެހޭނެ ކަމަށް ކޯޓުން ކަނޑައެޅި އެވެ.
މަންޑޭގެ މައްޗަށް ވަކިން ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަމުންދެ އެވެ. އަދި އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!