ކުއްލި ޙާލަތްތަކުގައި ފަރުވާދޭނެ ބައެއް އާލާތްތައް ރާއްޖެއަށް ހަދިޔާ ކޮށްފިއެވެ.
މިއީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) އިން ރާއްޖެއަށް ހަދިޔާކުރި ތަކެއްޗެވެ.
މިތަކެތި ހަދިޔާކޮށްފައި މިވަނީ ޗައިނާ -ޔޫއެންޑީޕީ ޓްރޭންގިއުލަ ކޯޕަރޭޝަން ރެސްޕޯންސް ޓު ކޯވިޑް-19 އިން ދަ އޭޝިއާ އެންޑް ޕެސިފިކް ރީޖަން ޕްރޮގްރާމްގެ ދަށުންނެވެ.
ޔޫއެންޑީޕީ އިން ބުނީ މިއީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ވަރުގަދަކޮށް ކޯވިޑް ޕޭޝަންޓުންނަށް ވެސް ސިއްހީ ފަރުވާދިނުމުގެ ކެޕޭސިޓީ އިތުރުކުރެވިގެންދާނެ ކަމެއްކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން 4000 އަށް ވުރެ ގިނަ އަންގިއާއި 16 އޮޓޮމޭޓެޑް އެކްސްޓަރނަލް ޑެފިބްރިލޭޓާސް އަދި 10 ނިއޮނޭޓަލް ވެންޓިލޭޓަރު ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު، މިތަކެތީގެ ތެރެއިން ޕީޕީއީތަކާއި ކުއްލި ޙާލަތްތަކުގައި ފަރުވާދިނުމަށް ބެނުންކުރާ އެހެނިހެން ސާމާނުތައް ބެހުމަށް ހަމަޖެހިފައިވަނީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށެވެ.
ހެލްތު މިނިސްޓްރީން ބުނީ ނިއޮނޭޓަލް ވެންޓިލޭޓަރުތައް 10 އަތޮޅުގެ ހޮސްޕިޓަލްތަކަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަސެވެ.
އެގޮތުން ނިއޮނޭޓަލް ވެންޓިލޭޓަރުތައް ފޮނުވާ ހޮސްޕިޓަލްތަކަކީ ހއ. އަތޮޅު ހޮސްޕިޓަލް، ށ. އަތޮޅު ހޮސްޕިޓަލް، ނ. އަތޮޅު ހޮސްޕިޓަލް، ބ. އަތޮޅު ހޮސްޕިޓަލެވެ. އަދި ޅ. އަތޮޅު ހޮސްޕިޓަލާއި މ. އަތޮޅު ރީޖަނަލް ހޮސްޕިޓަލާއި ދ. އަތޮޅު ހޮސްޕިޓަލަށް ވެސް ފޮނުވުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ތ. އަތޮޅު ހޮސްޕިޓަލަށާއި ގއ. އަތޮޅު ހޮސްޕިޓަލަށާއި ފުވައްމުލަކު ހޮސްޕިޓަލަށް ވެސް ފޮނުވުމަށް ނިންމާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!