ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެ 54 މެންބަރަކު ސޮއިކުރައްވައިފިއެވެ.
ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އިތުބާރުގެ މައްސަލައެއް ހުށަހަޅަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ.
ނަޝީދުގެ އިތުބާރުގެ މައްސަލަ އެމްޑީޕީގެޕާލިމަންޓްރީ ގްރޫޕުން އިސްވެ ހުށަހެޅުމަށް ފަށާފައިވާ މަސައްކަތުގައި އިތުބާރުގެ ގަރާރުގައި މިހާތަނަށް 54 މެންބަރަކު ސޮއިކުރައްވާފައިވާ ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރަކު ‘’ތިލަދުން’’ އަށް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.
’’މައްސަލަ މާދަމާ ވައްދަން ދަނީ ތައްޔާރުވަމުން، އެއްކޮށް ޔަގީންވާނީ މާދަމާ’’ އެ މެންބަރު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލައެއް ކުރިއަށް ގެންދަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމިއިރު، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 57 މެންބަރުން ތިއްބަވައެވެ. މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ އަދަދަކީ 8 އެވެ. އެއީ ޕީޕީއެމްގެ 6 މެންބަރުންނާއި ޕީއެންސީގެ 2 މެންބަރުންނެވެ. ދެން ތިއްބަވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައިވާ 12 މެންބަރުންގެ އިތުރުން އެމްއެންޕީގެ 3 މެންބަރުންނާއި، ޖޭޕީގެ 2 މެންބަރުންނާއި، އެމްޑީއޭގެ 2 މެންބަރުންނާއި އަމިއްލަ 2 މެންބަރުންނެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. މިހާރުގެ މަޖިލީހުގެ މެންބަރުންގެ ޢަދަދަކީ 87 ކަމުން މިފަދަ މައްސަލައެއް ހުށަހަޅަން ބޭނުން ވާނީ 22 މެމްބަރުންގެ ސޮޔެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ. އެއީ 44 މެންބަރުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!