އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަންއަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފީލްޑަރ މެކް އަލިސްޓާ ލިވަޕޫލަށް ބަދަލުވާން ނިންމައިފިއެވެ.

އުމުރުން 24 އަހަރުގެ މެކް އަލިސްޓާގެ ލިވަޕޫލަށް ބަދަލުވަނީ 55 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ. ބްރައިޓަންއިން ވަނީ މިހާރު މެކް އަލިސްޓާ ލިވަޕޫލަށް ބަދަލުވުމަށް ފުރިހަމަކުރަންޖެހޭ މެޑިކަލް ޓެސްޓްތައް ކުރިއަށް ގެންދިޔުމުގެ ހުއްދަ އޭނާއަށް ދީފައެވެ.

Ad
rt

މެކް އަލިސްޓާ ބްރައިޓަންއާއި އެކު ހަދާފައިވާ ކޮންޓްރެކްޓްގައި އަދި ބާކީ އެއް އަހަރު އެބައޮތެވެ. އޭނާ ލިވަޕޫލާއި ގުޅެނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ލިވަޕޫލާއިއެކު އޭނާ ހަދާ ކޮންޓްރެކްޓް ހަމަވާނީ 2028 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ.

ބްރައިޓަންގެ ތާރީޚުގައި އެ ޓީމް ފުރަތަމަ ފަހަރަށް ޔޫރަޕްގެ ފުޓްބޯޅައަށް ކޮލިފައި ކޮށްދިނުމުގައި އެ ޓީމްގެ މިޑްފީލްޑުގައި މެކް އަލިސްޓާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ފާއިތުވި ސީޒަންގެ ޕްރިމިއާ ލީގުގެ ހަވަނަ ބްރައިޓަން ވަނީ ހޯދާފައެވެ. ވުމާއެކު އެ ޓީމަށް އަންނަ ސީޒަންގައި ޔޫރޮޕާ ލީގު ކުޅުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

މެކް އަލިސްޓާ ވަނީ ފާއިތުވި އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އާޖެންޓީނާއަށް ކާމިޔާބު ކޮށްދިނުމުގައި ވެސް އެ ޓީމްގެ މެދުތެރޭ މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ވަނީ އާޖެންޓީނާގެ ސީނިއާ ޓީމަށް މިހާތަނަށް 16 މެޗު ކުޅެފައެވެ.

ސީޒަން ނިމުމާއިއެކު ލިވަޕޫލްގެ މެދުތެރެއަށް ކުޅެމުން އަންނަ ބައެއް ކުޅުންތެރިން އެ ޓީމް ދޫކޮށްލަން ވަނީ ނިންމާފައެވެ. އެ ކުޅުންތެރިންގެ ތެރޭގައި ޖޭމްސް މިލްނާ، ނަބީ ކެއިޓާ ހިމެނެއެވެ. ލިވަޕޫލުން ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިންގްލެންޑް އެޓޭކިން މިޑްފީލްޑް ކުޅުންތެރިޔާ ޖޫޑް ބެލިންހަމް ހޯދުމަށް މަސައްކަތް ކުރިނަމަވެސް، ބެލިންހަމް ހޯދުމުގެ ރޭހަށް ރެއާލް ވަނުމުން އެކަން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މެކް އަލިސްޓާ ވަނީ ބްރައިޓަންއަށް 112 މެޗު ކުޅެދީ 20 ލަނޑު ޖަހައިދީފައެވެ.