މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދި އެޓާނީ ޖެނެރަލް އޮފީހުން މިއަދު ފެމިލީ ކޯޓަށް ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ފެމިލީ ކޯޓަށް މިއަދު ހުށަހަޅާފައި ވަނީ ފެމިލީ ކޯޓުގައި މިހާރު ކުރިއަށްދާ 18 (އަށާރަ) މައްސަލައިގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ޢުމުރުން 6 (ހައެއް) މަހާއި 13 (ތޭރަ) އަހަރާ ދެމެދުގެ 11 (އެގާރަ) ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށާއި، އެ ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދިއެވެ.

Ad
rt

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި، ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިފައިވާ ޙައްޤެއްކަމުގައި ބަޔާންކޮށްފައިވާއިރު، ބުނެވިދިޔަ ޙައްޤު ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، ކުޑަކުދިންނަށް ނުވަތަ ޅަފުރައިގެ ކުދިންނަށް މުޖުތަމަޢުން ނުވަތަ ޢާއިލާއިން އިހުމާލުވާ ޙާލަތުގައި، އެކުދީންނަށް ޚާއްޞަ ރައްކާތެރިކަމާއި،
ޚާއްޞަ އެހީތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމަކީ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ލާޒިމް ކަމެކެވެ.

މިގޮތުން އެޓާނީ ޖެނެރަލް އޮފިހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އޮފީހުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، 1 އަހަރުން ދަށުގެ 3 ކުދިންނާއި، 1 އަހަރާއި 2 އަހަރާ ދެމެދުގެ 4 ކުދިންނާއި، 2 އަހަރާއި 5 އަހަރާ ދެމެދުގެ 3 ކުދިންނާއި، 13 އަހަރުގެ ކުއްޖެއްގެ މައްސަލަކަމަށެވެ.

މީގެ އިތުރުން އެފަރާތުން ބުނެފައިވަނީ މި 11 ކުދިންވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ މައިންބަފައިން ޙަވާލުވުމަށް އިންކާރުކޮށްފައިވާތީ ނުވަތަ މައިންބަފައިން އެ ކުދިން ބެލެހެއްޓުމުގައި ތަކުރާރުކޮށް އިހުމާލުވަމުންދާތީ، އަދި އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ ޙަވާލުވާނެ އެ ކުދިންގެ ޢާއިލާގެ އެއްވެސް މެންބަރަކު ހަމަޖެހިފައިނުވާތީ، އެ ކުދިންގެ މަޞްލަޙަތު ރައްކާތެރިކުރުމުގެ ގޮތުންކަމަށެވެ.

އަދި، މި 11 ކުދިންގެ މައިންބަފައިންގެ ތެރޭގައި ގިނައީ މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހުން ކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވަނީ މަޢުލޫމާތު ދެއްވާފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފިހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކޮންމެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށާއި، އެކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދި މިއަދު ފެމެލީ ކޯޓަށް އެޓަރނީ ޖެނެރަލްގެ އޮފީހުން 11 (އެގާރަ) މައްސަލަ ހުށަހެޅުމުން، އެފަދަ އަމުރެއް ހޯދުމަށް އެދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އެޓާނީ ޖެނެރަލް އޮފީހަށް މިވަގުތަށް ފޮނުއްވާފައިވާ ހުރިހާ މައްސަލަތަކެއް ކޯޓަށް ހުށަހަޅާ ނިމުނީކަމަށް އެ އޮފީހުގެ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިފައިވާ ހައްގަކަށް ވާއިރު ދާދިފަހުން އުމުރުން 13 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ، ވިހެއި މައްސަލާގައި އެ ކުއްޖާ އާއި އެ އާއިލާގައި ހިމެނޭ އެހެން ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްވަނީ ގެންގޮސްފައެވެ.