ރެއާލް މެޑްރިޑްގެ ޖޯޒީގައި 14 އަހަރު ކުޅުމަށް ފަހު މި ސީޒަން ނިމުމުން ރެއާލް ދޫކޮށްލަން ނިންމާފައިވާ ކަރީމް ބެމްޒެމާ ނެތްތަން އަންނަ ސީޒަންގައި ފޫބައްދަން ރެއާލުން އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިއަކީ ޓޮޓެންހަމް އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ހެރީ ކޭން ކަމުގައި މީޑީއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 29 އަހަރުގެ ކޭން ޓޮޓެންހަމްއާއިއެކު ހަދާފައިވާ ކޮންޓްރެކްޓުގައި އަދި ބާކީ އެއް އަހަރު އެބައޮތެވެ. އެކި ފަހަރުމަތިން ޔޫރަޕްގެ ބޮޑެތި ޓީމްތަކުން ކޭން ހޯދުމަށް މަސައްކަތްކުރި ނަމަވެސް މިހާތަނަށް އެކަން އެއްވެސް ކުލަބަކަށް ކާމިޔާބު ވެފައިނުވެއެވެ.

Ad
rt

ބެންޒެމާ ނެތްތަން ފޫބައްދަން ރެއާލުން ފާރަލަމުން އަންނަ ފޯވާޑުންގެ ތެރޭގައި ކޭންގެ އިތުރުން މި ސީޒަންގައި ނަޕޯލީގައި މޮޅު ކުޅުމެއް ދެއްކި ވިކްޓަރ އިޝީމަން، އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލައުޓާރޯ މާޓިނޭޒް، ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒްގެ އިތުރުން ޔުވެންޓަސް އަށް ކުޅެމުން އަންނަ ޑޫސަން ވަލޮހޮވިޗް ހިމެނެއެވެ.

މި ސީޒަނަށް ފަހު ރެއާލު ދޫކޮށްލާނެކަން މިހާތަނަށް ވަނީ ހަތަރު ކުޅުންތެރިއަކު އިޢުލާން ކޮށްފައެވެ. އެއީ ހަޒާޑްއާއި މަރިއާނޯއާއި އެސެންސިއޯގެ އިތުރުން ބެންޒެމާއެވެ. ވުމާއެކު ކޭން ގަތުމަށް ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް ރެއާލަށް މައްސަލައަކަށް ވާނެކަމާށް ނުފެނެއެވެ.

ރެއާލުން އަންނަނީ ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިނގިރޭސި އެޓޭކިން ކުޅުންތެރިޔާ ޖޫޑް ބެލިންހަމް ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ކޭން ވަނީ މިހާތަނަށް ޓޮޓެންހަމް އަށް ކުޅެދިން 435 މެޗުގައި 280 ލަނޑު ޖަހާފައެވެ.