މޭމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ދައުލަތައް އާމްދަނީގެ ގޮތުގައި 12.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ފައިބެއަހަރުގެ މިމުއްދަތުގައި އާމްދަނީގެ ގޮތުގައި 10.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

Ad
rt

މިއަހަރުގެ މިހައިތަނަށް ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ކަމަށާއި އެގޮތުން މޭ 18 ވަނަ ދުވަހާއި ހަމައަށް 9.58 ބިލިއަން ރުފިޔާ ދައުލަަތަށް ލިބިފައިވާއިރު، 2022 ވަނަ އަހަރުގެ މިމުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7.52 ބިލިއަން ރުފިޔާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ޓެކްސް އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އަަދަދަކުން ދައުލަތަށް އާމްދަނީ ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގައި ކަމަށާއި އެއީ 5.51 ބިލިއަން ރުފިޔާ ކަމަށް ވެސް ތަފާސްހިސާބުން ދައްކައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް (ބީޕީޓީ) އިން ލިބިފައިވަނީ 2 ބިލިއަން ރުފިޔާ ކަމަށް ވެސް ދައްކައެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު 2.58 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ މޭ މަހު 18 ގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 183 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދަކީ 416 މިލިއަން ރުފިޔާއެވެ.

އެހެންނަމަވެސް 2022 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޚަރަދުތައް 13.4 ބިލިއަނުގައި ހުރިއިރު، މިއަހަރުގެ މޭ މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ދައުލަތުގެ ޚަރަދުތައް ހުރީ 16.9 ބިލިއަން ރުފިޔާގައެވެ.

ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކުރައްވާފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. އެއީ މުޅި ޖުމްލަ 11.4 ބިލިއަން ރުފިޔާއެވެ.