ކޯޕަރޭޓް ގަވަނަންސް ދާއިރާގައި ގުޅިގެން މަސައްކަތްކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮޓޯރިޓީ (ސީއެމްޑީއޭ) އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕީސީބީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް އާސިމް މުޙައްމަދެވެ. ސީއެމްޑީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރ މުޙައްމަދު ހުސައިން މަނިކުއެވެ.

Ad
rt

ސީއެމްޑީއޭގެ ސީއީއޯ މުޙައްމަދު ހުސައިން މަނިކު ވިދާޅުވީ ޕީސީބީގައި ވެސް ގާނޫނެއްގެ ދަށުން ބަލަހައްޓަންޖެހޭ ކުންފުނިތަކާއި ކޯޕަރޭޝަންތަކެއް ހުންނަކަމަށާއި މި ވެވުނު އެއްބަސްވުމާއިއެކު ކުރިއަށްއޮތް ތަނުގައި ޕަބްލިކް ލިސްޓެޑް ކުންފުނިތަކާއި އެހެން ކުންފުނިތައް ވެސް ގަވަނަންސް އުސޫލެއްގެ މަތިން ހިންގުމުގެ ފުރުސަތު އިތުރަށް ފަހިވާނެ ކަމަށެވެ.

އާންމު ގޮތެއްގައި ސީއެމްޑީއޭ އަކީ ޕަބްލިކް ލިސްޑެޓް ކުންފުނިތަކުގެ ގަވަނަންސް، ވަކި މިންގަނޑެއްގެ ތެރެއިން ބެލެހެއްޓުމަށް ކޯޑެއް އުފައްދައިގެން އެ މަސައްކަތް ކުރަމުންދާ އިދާރާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ގަވަނަންސް ވަރުގަދަކުރުމަށް ކޯޕަރޭޓް އިވެލުއޭޝަންގެ ތެރެއިން ތަފާތު ގިނަ ކޯޑުތަކެއް ހުރުމުގެ ސަބަބުން ކުންފުނިތަކަށް ވެސް އުނދަގޫތަކެއް ހުރިކަން ފާހަގަވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ދެ މުވައްސަސާ، ގާނޫނީ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރޭގައި އެއް މަސައްކަތްތަކެއްް އެބަހުރިކަން ފާހަގަކުރައްވައި ވިދާޅުވީ މި އެއްބަސްވުމާއެކު އެކަންކަން ވެސް އެއްގޮތްކުރެވިދާނެ ކަމަށެވެ.