ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫޢު މިއަދު ފަށައިފިއެވެ.
އައްޑޫ އަތޮޅު ގަމުގައި މިކަމަށް މިއަދު އޮތް ރަސްމިއްޔާތުގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި އިންޑިއާގެ މިނިސްޓަ އޮފް ސްޓޭޓް ފޯ އެކްސްޓާނަލް އެފެއާޒް ވީ. މުރަލީދަރަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރޫއުގެ ދަށުން މި އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ޒަމާނީ ކާގޯ ވަސީލަތްތަކާއި އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދެއް ހަދަން ނިންމާފައިވާއިރު، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއް ވެސް ގާއިމުކުރާނެ އެވެ.
މި މަޝްރޫއު ނިމޭއިރު ޕަސިންޖަރުންނަށް ހިދުމަތް ދިނުމަށް އެއާޕޯޓްގައި 18 ކައުންޓަރު ގާއިމުކުރަން ނިންމާފައިވާއިރު، މީގެ އިތުރުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރުގެ ޓާމިނަލެއް ވެސް ގާއިމުކުރާނެއެވެ.
މި މަޝްރޫޢު ހިންގަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި މަޝްރޫޢަށް 29.7 މިލިއަން ޑޮލަރު ޚަރަދު ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!