ސިޔާސީ ބައެއް ލީޑަރުން ކަންކުރާ ގޮތަކީ ރައްޔިތުން ލައްވާ ގޯސް ހަދާފައި މައިދާނުން ފިލުން ކަމަށް ދާޚިލީ ވަޒީރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން އުފައްދާފައިވާ އިއްތިހާދުން މިރޭ ވެރިރަށް މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި ވަނިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އިމްރާން ވިދާޅުވީ، ސިޔާސީ ބައެއް ލީޑަރުން ކަންކުރައްވާ ގޮތަކީ ހަމަނުޖެނުން ހިންގައި އެއްވުންތަކަށް ގޮސް ގޯސް ހަދުވާފައި މައިދާނުން ފިލައިގެން ދިޔުން ކަމަށެވެ.
''ކުށްވެރިވެ އަދަބު ލިބެނީ ނިކަމެތި ރައްޔިތުންނަށް، ލީޑަރުން ތިބެނީ ފިލާ، ކޮންމެ ފިކުރަކަށް ނިސްބަތް ވިޔަސް އެއްވެސް ރައްޔިތަކު މިހެން ވިޔަ ނުދެއްވާ'' އިމްރާން ވިދާޅުވެފަވެއެވެ.
އިމްރާން މިހެން ވިދާޅުވުމުން އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) އިމްރާނަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ވަނީ އިމްރާނަކީ 2015 ވަނަ އަހަރު އޭރުގެ އިދިކޮޅު ފަރާތްތައް އިއްތިހާދުވެ ހިންގި މޭޑޭ ހަރަކާތުގައި އިމްރާނަކީ ''މައިދާން ދޫކޮށް ފިއްލެވި ލީޑަރެއް'' ކަމަށް ސިފަ ކުރައްވާފައެވެ. އަދި ވެރިކަން ލިބުމުން އެދުވަހު ''އޮހޮރުނު ލޭގެ'' މަތީން ވެސް ހަނދުމަ ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!