އެއާ ނިއުޒީލެންޑްގެ ފްލައިޓްތަކުގައި ތެލުގެ ހަރަދު ކުޑަކުރުމަށްޓަކައި ފްލައިޓަށް އެރުމުގެ ކުރިން ފަސިންޖަރުންގެ ބަރުދަން ބަލަން ނިންމައިފި އެވެ.
އެއާ ނިއުޒިލެންޑުން ހޯމަ ދުވަހު ބުނީ ކުރިއަށް އޮތް ހަފްތާތަކުގައި ބައިނަލްއަގްވާމީ ނެޓްވޯކުގައި ދަތުރުކުރާ 10،000 އަށް ވުރެ ގިނަ ޕަސިންޖަރުން ބޯޓު އެރުމުގެ ކުރިން ބަރުދަން ބަލަނީ ސާވޭއެއް ހެދުމަށްޓަކައި ކަމަށެވެ.
އެއާ ނިއުޒީލެންޑުން ބުނީ ކޮންމެ ފްލައިޓެއްގެ ކުރިން ޕައިލެޓުންނަށް މަތިންދާބޯޓުގެ ލޯޑާއި ބަރުދަނާއި ބެލެންސް އެނގެން ޖެހޭ ކަމަށެވެ.
މި ފިޔަވަޅު އަޅާފައި ވަނީ ކޮވިޑް-19 ގެ ހުރަސްތައް އުވާލުމާ ގުޅިގެން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ ދާއިރާއިން ކުރިއެރުންތަކެއް އައިސްފައިވާތީއެވެ. އެ ކުންފުނިން މީގެ ކުރިން 2021 ވަނަ އަހަރު ޑޮމެސްޓިކް ފްލައިޓްތަކުގައި ބަރުދަން ބެލި އެވެ.
“އަޅުގަނޑުމެން ބޭނުންވަނީ ކަސްޓަމަރުންނަށް ޔަގީންކަން ދެން އެއްވެސް ތަނެއްގައި މި މައުލޫމާތު އާންމު ނުކުރާނެ ކަމަށް.” އެއާ ނިއުޒީލެންޑްގެ އޮފިޝަލެއް ކަމަށްވާ އެލަސްޓޭއާ ޖޭމްސް ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.
އެއާ ނިއުޒީލެންޑުން ބުނީ އެ ކުންފުނީގެ ސާވޭ އޮންނާނީ މެއި 29 އާއި ޖުލައި 2 އާ ދެމެދު އޯކްލެންޑް އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ވަކި ފްލައިޓްތަކުގެ ގޭޓް ލައުންޖުގެ އެންޓްރެންސްގައި ކަމަށެވެ.
ފިންލޭންޑްގެ އެއާލައިން ފިންއެއާ އިން 2017 ވަނަ އަހަރު ވެސް ފަސިންޖަރުންގެ ބަރުދަން ބެލި އެވެ. އެއީ ފަސިންޖަރުންގެ ބަރުދަނާ ބެހޭ ގޮތުން ދިހަ އަހަރަށް ވުރެ ގިނަ ދުވަސްވީ ޑޭޓާ އަޕްޑޭޓް ކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!