ކުށްތަކާ ދުރު، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ "އިންމޭޓް ކްރިއޭޓިވިޓީ ފެއަރ 2023" ރަސްމީގޮތުން ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކ. މާފުށީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ވިދާޅުވީ މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޖަލުތަކުގެ ކަންކަން ރަނގަޅުކުރުމަށާއި ޤައިދީންގެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
އެގޮތުން ޤައިދީން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް އަމާޒުކޮށް، ހުނަރުތައް ދަސްކޮށްދިނުމާއި، ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުންފަދަ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިޔަށްގެންދަވާކަން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ކުށްތަކާ ދުރު، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
މި ފެއަރގެ މަޤްޞަދަކީ ގައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމަޢަށް ރަނގަޅު ބައެއްގެ ގޮތުގައި ނެރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެތެރެއިން ޤައިދީންނަށް ތަފާތު އެކިއެކި ހުނަރުތައް ދަސްކޮށްދީ އެ ހުނަރުތައް އާންމުންނަށް ދައްކާލުމެވެ.
މި ޖޫން މަހުގެ 1 އަދި 2 ވަނަ ދުވަހު ކުރިޔަށްގެންދާ އިންމޭޓް ކުރިއޭޓިވިޓީ ފެއަރގައި ސާޅީހަށްވުރެ ގިނަ ގައިދީން ބައިވެރިވެއެވެ.
ފެއަރގައި އަތްތެރި މަސައްކަތްތެރިކަމުގެ 800 އުފެއްދުމަކާއި ކުރެހުންތަކާއި 2400 ގަސްގަހާގެއްސާއި ތަރުކާރީގެ ބާވަތްތައް ބައިވެރިކޮށްފައިވެއެވެ. މިފެއަރ ހުޅުވައިދެއްވުމަށްފަހު ނައިބު ވަނީ ފެއަރގެ އުފެއްދުންތައް ބައްލަވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!