ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓު އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީއާއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަޙުމަދު ވިޝާން ނަސީމެވެ. އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް ޑިރެކްޓަރު އާދަމް ރަހީމްއެވެ.

Ad
rt

މި މަޝްރޫއު ހިންގުމަށް ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ ސަރުކާރުގެ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިންނެވެ. އެގޮތުން، ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 40.9 މިލިއަން ރުފިޔާއަށެވެ.

މި މަސައްކަތް ހަވާލުކޮށްފައި ވަނީ 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައި ވަނީ 700 އަކަފޫޓުގެ ދެ ބުރީގެ 30 ރޯހައުސްއެވެ. އޭގެ ތެރެއިން ކޮންމެ ޔުނިޓެއްގައި ހިމެނޭނީ 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެވެ.

މީގެ އިތުރުން އިމާރާތުގެ ވަށާފާރާއި ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލިކުރެވިގެން ދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. އަދި ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއް ގާއިމުކުރެވިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.