ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އެ ޕާޓީގެ ލީޑަރޝިޕުން ދެމިތިބޭން ވާނީ މިފަދަ ދަތި ދަނޑިވަޅެއްގައި ޤައުމު ހަލަބޮލި ނުވާނެ މަގަށް ވިސްނުން އިސްކޮށްގެން ކަމަށް އެ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ، މިއަދު އެ ޕާޓީގެ ކައުންސިލް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

Ad
rt

ޖޭޕީގެ ކައުންސިލް މެންބަރަކު މި ނޫހާއި ހިއްސާކުރެއްވި އެ މެސެޖުގައި ޤާސިމް ވިދާޅުވެފައި ވަނީ، 2 ޖޫން ގައި ފޯޅަވަހީގެ މައްސަލައިގައި ސަރުކާރާއި ދެކޮޅަށް ރާވާފައިވާ މުޒާހަރާ ގެ މިސްރާބާއި ނަތީއްޖާ އަކީ ކޮބައިކަން އެ ލީޑަރޝިޕްގެ ގިނަ މެންބަރުންނަށް އިނގިވަޑައިގަންނަވާނެ ކަމަށެވެ.

2015 މޭ ޑޭ މުޒާހާރާގައި ވެސް ޖޭޕީން ބައިވެރި ނުވުމަށް ނިންމި ޖަމަށާއި، ނަމަވެސް މުޒާހަރާ ނިމުނު އިރު، އަންދާޒާ ކުރި ނަތީއްޖާ އާއި ނުކުތް ނަތީއްޖާ މުޅިން ތަފާތު ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ. އެހެން އެކަން ހިނގާފާނެތީ އެކަމާ ވިސްނުމަށް ފަހު ޖޭޕީން އެ މުޒާހަރާގައި ބައިވެރި ނުވުމަށް އޭރުގައިވެސް ނިންމެވިކަމަށް ޤާސިމް ވިދާޅުވެފަވެއެ.

‘’އެހެން ކަމުން އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ފަހުން ދުވަހު ބޭއްވުނު ޕާޓީގެ ކައުންސިލްގެ ނިންމުމާއި އެއްގޮތަށް ޤައުމުގެ އަމަން އަމާން ކަމާއި، ޢާންމު މަސްލަޙަތަށް ރިޢާޔަތްކޮށް މި ޕާޓީ އާއި މި ޕާޓީގެ ލީޑަރޝިޕުން ދެމިތިބޭން ވާނީ މިފަދަ ދަތި ދަނޑިވަޅެއްގައި ޤައުމު ހަލަބޮލި ނުވާނެ މަގަށް ވިސްނުން އިސްކޮށްގެންނެވެ.’’ ޤާސިމްގެ މެސެޖުގައި ވިދާޅުވެފަވެއެވެ.

ޤާސިމް އިތުރަށް ވިދާޅުވެފައި ވަނީ، ވިސްނުންތެރިކަމާއި އެކު ބައިނަލް އަޤްވާމީ މާހިރުންގެ ލަފާއާއި އެކު އިޓްލޮސް ގެ ނިންމުން ބަދަލު ކުރެވޭނޭ އެންމެހާ މަގުތަކެއް ހޯދޭތޯ ހބުރަކޮށް މަސައްކަތް ކުރެއްވުން އެއީ ހަޤީޤީ ނަތީއްޖާ އެއް ހާސިލް ވާނެ މަގުކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން 2 ޖޫން ގެ މުޒާހަރާގައި އެ ޕާޓީގެ ލީޑަރޝިޕާ ޢާންމު މެންބަރުން ބައިވެރިވެ ވަޑައި ނުގަތުމަކީ އޭނާގެ އިޚްލާޞްތެރި ނަޞޭހަތާއި އަދި އިލްތިމާސް ކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.