ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހަރުގެ ހިސޯރުކޮށް މުދަލަށް ގެއްލުންދީފައިވާ ކަމަށާއި، އެކަން ކުށްވެރިކުރާކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދަން މަސައްކަތް ކުރަމުން އަންނަ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ ޓީމަކުން މިއަދު ހަވީރު ވަނީ އެމްޑީޕީގެ ހަރު ހުޅުވައި އެތަނަށް ވަދެފައެވެ. އަދި ދަ ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތައް ވަނީ އެ ހަރުގޭގައި ފަށާފަ އެވެ.

Ad
rt

މިކަމާއި ގުޅިގެން އެމްޑީޕީން މިރޭ ޢާންމު ކުރި ބަޔާނެއްގައި ބުނީ، އެ ޕާޓީއިން މާލޭގައި ހިންގަމުން އަންނަ މައި ހަރުގޭގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ޕާޓީގެ މުދާތަކަށް ގެއްލުންދީ ހަރުގެ ހިސޯރުކޮށްފައިވާ ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެމްޑީޕީން ބުނީ، އެ ޕާޓީއިން ބޭނުންކުރަމުން އަންނަ ހަރުގެއަކީ އެ ގޭގެ ވެރިފަރާތާއެކީ ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ގަވާއިދުން ކުލި ދައްކާ އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން އަންނަ ތަނެއްކަމަށެވެ.

ހަރުގެ ވެރިފަރާތާއެކު އަނގަބަހުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް އޮތް 2023 ރިޔާސީ އިންތިހާބު ނިމެންދެން ހަރުގޭގައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގޭނެކަމަށް ވަނީ އެއްބަސްވެވިފައި ކަމަށް ވެސް އެމްޑީޕީން ބުނެފަވެއެވެ.

“ނަމަވެސް, އެއްބަސްވުމާ ހިލާފަށް ގޭގެ ވެރިފަރާތުން އަމަލުކޮށްފައިވާތީ މި ޕާޓީއަށް އެއްބަސްވުމުގެ ދަށުން ލިބިދޭ ހައްގުތައް ހިމާޔަތްކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާ އެ މައްސަލައިގެ ޝަރީއަތް ހިނގަނިކޮށް ޝަރީއަތުން ވަކި ގޮތެއް ނިންމުމުގެ ކުރިން ހަރުގެއަށް ބަޔަކު ވަދެ ހިސޯރުކޮށް, މި ޕާޓީގެ މުދަލަށް ގެއްލުންދީފައިވެއެވެ.” އެމްޑީޕީން ބުނެފަވެއެވެ.

އެ ޕާޓީން ބުނެފައިވާ ގޮތުގައި އެ ޕާޓީން ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އެދިފައި ވަނީ ހަރުގޭގެ ވެރިފަރާތުގައި ވެސް އެދިފައިވާ ފަދައިން އެ ޕާޓީން ސިޔާސީ ހަރަކާތް ހިންގުމަށް އެހެން ތަނެއް ހަމަޖެއްސުމަށްޓަކައި ޖުލައި 31 ގެ ނިޔަލަށް ހަރުގޭގައި ތިބެވޭނެ ގޮތަށް ކަނޑައަޅައިދިނުމަށް ކަމަށެވެ.

އެމްޑީޕީން ބުބީ އެ ޕާޓީއަކީ ރޭވިގެން އިންތިޒާމުވެގެން ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުވެސް ވަކާލާތުކުރާ އަދި ތަރުހީބު ދޭ ޕާޓީއެއް ކަމަށެވެ.

“ސިޔާސީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން އެހެން ޕާޓީއެއްގެ މުދަލަށް އަރައިގަނެ ގެއްލުން ދިނުމަކީ ވަރަށް ނާތަހުޒީބު ފިނޑި އަމަލެއްކަމުގައި މި ޕާޓީއިން ދެކެމެވެ. އަދި މި ގާނޫނާ ހިލާފު, ނާތަހުޒީބު, ފިނޑި އަމަލުގައި ޝާމިލުވާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް މައްސަލަ މި ޕާޓީގެ ފަރާތުން ހުށަހަޅާނެއެވެ.” އެމްޑީޕީން ބުނެފަވެއެވެ.