އެމެރިކާގެ ނިއުޔޯކްގެ ގާނޫނީ ވަކީލަކު ޗެޓްޖީޕީޓީ ބޭނުންކޮށްގެން ހެދި ގާނޫނީ ދިރާސާއެއްގެ ސަބަބުން ކޯޓުގައި ބޭޒާރުވެ ގާނޫނީ ފިޔަވަޅަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރުހީވެއްޖެ އެވެ.

އެއާލައިނެއްގެ މައްޗަށް މީހަކު ދައުވާކުރާ މައްސަލައެއްގައި ވަކީލަކު ހުށަހެޅީ ކުރިން ކޯޓުގައި ހިނގާފައިވާ އެފަދަ ބައެއް މައްސަލަތައް ކަމަށް ބުނެ ޗެޓްގީޕީޓީ އިން ދިން މައުލޫމާތުތަކެކެވެ. އެއީ ސައްހަ ނޫން މައުލޫމާތެއް ކަން އެނގުނީ އެއާލައިންގެ ވަކީލުން އެކަން ފާހަގަ ކުރުމުންނެވެ.

Ad
rt

އެ ދިރާސާ ހުށަހެޅި ވަކީލު ކޯޓުގައި ބުނީ އޭނާއަށް އޭގެ ކޮންޓެންޓަކީ ދޮގު އެއްޗަކަށް ވެދާނެކަން ނޭނގޭ ކަމަށެވެ.

ޗެޓްޖީޕީޓީން ރިކުއެސްޓް ކުރުމުން އަސްލު ޓެކްސްޓް އުފައްދާ ނަމަވެސް "ޞައްޙަ ނޫން މައުލޫމާތު އުފެއްދިދާނެ" ކަމަށް އިންޒާރުތަކެއް ލިބެ އެވެ.

ފަހުން އެނގުނު ގޮތުގައި ޗެޓްޖީޕީޓީ ބޭނުންކޮށްގެން މި ދިރާސާ ތައްޔާރުކޮށްފައިވަނީ އެ ވަކީލާއެކު މަސައްކަތް ކުރާ 30 އަހަރުގެ ތަޖްރިބާ ހުރި ވަކީލެކެވެ. ފަހުން އެ ވަކީލު ވެސް ވަނީ އެކަމަށް މައާފަށް އެދި އަދި ދެން ޗެޓްޕީޖީޓީ ބޭނުން ނުކުރާނެ ކަމަށް ބުނެ ވައުދުވެ, ބަޔާނެއް ނެެރެފަ އެވެ.

އެ ވަކީލާއި ޗެޓްޕީޖީޓީގައި ހިނގި މުއާމަލާތްތަކުގެ ސްކްރީން ޝޮޓްތަކެއް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެއިން ފެންނަ ގޮތުގައި ވަކި މައްސަލައެއްގެ ނަން ޖެހުމަށް އެއީ އަސްލު މައްސަލައެއްތޯ އެ ވަކީލު ސުވާލު ކުރުމުން ޗެޓްޖީޕީޓީން ބުނަނީ އެއީ އަސްލު މައްސަލައެއް ކަމަށެވެ.

"ތިބާގެ މަސްދަރަކީ ކޮބައިތޯ" އެ ވަކީލު އަނެއްކާވެސް ސުވާލުކުރެ އެވެ.

"ޑަބަލް ޗެކިން" އަށް ފަހު، ޗެޓްޖީޕީޓީން އަނެއްކާވެސް ޖަވާބު ދެނީ އެ މައްސަލައަކީ ހަގީގީ މައްސަލައެއް ކަމަށާއި ލެކްސިސްނެކްސިސް އަދި ވެސްޓްލޯ ފަދަ ގާނޫނީ ރެފަރެންސް ޑޭޓާބޭސްތަކުން ފެންނާނެ މައްސަލައެއް ކަމަށެވެ.

އެ މައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ ކޯޓަށް ކުރިމަތިވެފައި ވަނީ ކުރިން ދިމާނުވަ ފަދަ ހާލަތެއް ކަމަށެވެ. އަދި އެކަން ހިނގި ގޮތް ބަޔާންކޮށް ދިނުމަށާއި އެ މީހުންނާ މެދު ފިޔަވަޅު އެޅުމާ މެދު އަންނަ ހަފުތާގައި ކޯޓުން ގޮތެއް ނިންމާނެ އެވެ.

2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޗެޓްޖީޕީޓީ ތައާރަފްކުރި ފަހުން އެތައް މިލިއަން ބަޔަކު ވަނީ ޗެޓްޖީޕީޓީ ބޭނުންކޮށްފަ އެވެ. .އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު ކަންބޮޑުވުންތަކެއް އުފެދިފައިވެ އެވެ