އެކްސިޑެންޓެއްގައި އަނިޔާވި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ފަރުވާއަށްފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ސައުދު އެކްސިޑެންޓްވީ 23 މެއި 2023 ވަނަ ދުވަހު ހެނދުނު މަޖިލީހަށް ވަޑައިގެންނެވި މަގުމަތީގައި، ސިނަމާލެ ބްރިޖްގެ ހުޅުމާލެއާ ވީ ފަޅިން ހައިވޭގައި ވަޑައިގަންނަވަނިކޮށް، ކުރިމަތީގައި އޮތް ޕިކަޕެއް ކުއްލިއަކަށް މަޑުކުރުމުން ސައިކަލުގެ ބުރެކި ނުޖެއްސި އޭގައި ގޮސް ޖެހުންނެވެ.
އެ އެކްސިޑެންޓުގައި ސައުދުގެ އަތުގެ ކޮނޑުހުޅާއި، ކަކުލުހުޅާ ދިމާއިން ވަރަށް ބޮޑަށް ވީދައިގެން ގޮސް އަދި އަތުގެ ކުޑަހުޅަށް ވެސް އަނިޔާވި އެވެ.
ސައުދު ރޭ މެންދަމު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފަރުވާއަށް ފަހު އޭނާ ހޮސްޕިޓަލުން ދޫކޮށްލިކަން ހާމަކުރައްވާފައެވެ. ސައުދު ވަނީ އޭނާ ފަރުވާ ހޯއްދެވި އޭޑީކޭ ހޮސްޕިޓަލަށާއި، އޭނާ އަށް ފަރުވާ ދިނުމުގައި ޝާމިލްވި އޭޑީކޭގެ ޓީމަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. މީގެ އިތުރުން އޭނާގެ ހާލު ބަލައި، ހެޔޮ ދުޢާ ފޮނުވި އެންމެނަށް ސައުދު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ސައުދު ހޮސްޕިޓަލްގައި އޮންނެވިއިރު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި ސައުދުގެ ހާލު ބައްލަވާލައްވާފައެވެ.
މެންބަރު ސައުދަކީ ރައްޔިތުންގެ މަޖިލިސްގައި ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، އެމްޑީޕީ ތަމްސީލް ކުރައްވާ މެންބަރެކެވެ. މިނިވަން މެންބަރެއްގެ ގޮތުގައި ހޮވުނު ސައުދު ފަހުން އެމްޑީޕީއާއި ގުޅިވަޑައިގެންފައިވާއިރު، މިއީ ރައްޔިތުންގެ މަޖިލިސްގައި އޭނާ ފުރުއްވަމުން ގެންދަވާ ދެވަނަ ދައުރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!