ތުރުކީވިލާތުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމުގެ އާ ދައުރެއް އެ ޤައުމުގެ މިހާރު ވެސް ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ކަށަވަރު ކުރައްވައިފިއެވެ.
އާދީއްތަ ދުވަހު ކުރިއަށް ދިޔަ ތުރުކީ ވިލާތުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުގައި އުރުދުޣާން ކުރި ހޯއްދަވާފައިވާކަން ބައިނަލްއަގްވާމީ މީޑިއާތަކުން އަންނަނީ ބުނަމުންނެވެ. ތުރުކީގެ ރަސްމީ ނޫސް އޭޖެންސީ، އަނަދޮލުއިން އާންމުކުރި ނުރަސްމީ ވަގުތީ ނަތީޖާއިން ވެސް މިކަން ހާމަވެފައިވާއިރު، މިހާތަނަށް ސާފުވި ނަތީޖާއިން އުރުދުޣާން އަށް 52.14 އިންސައްތަ ވޯޓު ވަނީ ލިބިވަޑައިގަނެފައެވެ.
ތުރުކީވިލާތުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފުރަތަމަ އޮތީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެ ދުވަހު ބޭއްވި ވޯޓުގައި އިންތިޚާބުގައި ވާދަކުރެއްވި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ކުރެވޭވަރަށް ވޯޓު ލިބިވަޑައިނުގަތުމުން އިންތިޚާބުގެ ދެވަނަ ބުރަކަށް ދިޔައީއެވެ.
އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާ 51 އިންސައްތަ ވޯޓު އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަ ބުރުގައި ލިބިވަޑައި ނުގަތުމުން ދެވަނަ ބުރުގެ ވޯޓުލުން އޮތީ 28 މޭ 2023 ވީ އާދީއްތަ ދުވަހުއެވެ. މި ބުރުގައި ވާދަކުރެއްވީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި މިހާރުގެ ރައީސް އުރުދުޣާން އާއި އެ ޤައުމުގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ލީޑަރު ކަމާލް ކިލިޖްދާރް އޯގްލޫ އެވެ.
ވޯޓުފޮށިތަކުގެ 97 އިންސައްތަ ފޮށީގެ ވަގުތީ ނަތީޖާތައް މީޑިއާއިން ހާމަކޮށްފައި ވާއިރު، ރައީސް އުރުދުޣާންއަށް ވޯޓުގެ 52.14 އިންސައްތަ ލިބިވަޑައިގެންފައިވެއެވެ. އިދިކޮޅު ކެންޑިޑޭޓު ކަމާލް ކިލިޖްދާރް އޯގްލޫ އަށް މިހާތަނަށް ލިބިވަޑައި ގަތީ 47.86 އިންސައްތަ ވޯޓެވެ.
މި ނަތީޖާއާއެކު ތުރުކީގެ ރައީސް އުރުދުޣާން ވަނީ އެ ގައުމުގެ ވެރިކަމުގެ ތިންވަނަ ދައުރެއް ކަށަވަރު ކުރައްވާފައެވެ.
އުރުދުޣާންގެ މި ކާމިޔާބީއަށް ދުނިޔޭގެ ލީޑަރުން މަރުޚަބާ ކިޔަމުން އަންނައިރު އޭގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އާއި ފްރާންސްގެ ރައީސް އާއި، ޖަރުމަނާއި، ސައޫދީ އަރަބިއާ އާއި ބްރެޒިލް އަދި މިނޫންވެސް ގިނަ ގައުމުތަކުގެ ވެރިން ހިމެނެއެވެ.
އުރުދުޣާންގެ މި ކާމިޔާބީއަށް ދުނިޔޭގެ އެތައް މިލިއަން މުސްލިމުންނެއް މީސްމީޑިއާގައި ދަނީ ޝުއޫރުފާޅުކޮށް، އުފާ ފާޅު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!