ލޮލަށް ނުފެނުނަސް ދެއްކީ ނަމޫނާ، ބޭނުންވަނީ އިތުރު ފުރުޞަތުތައް!

loafan imaamun

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ މި އަހަރުގެ ދަސްވެނިވުމުގެ ޖަލްސާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވިއިރު ގިނަބަޔަކު ލޮލުގައި އަޅައިގަތީ ގިނަ އަދަދެއްގެ ލޯފަން ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓް ހާސިލް ކުރިކުރުމެވެ.

އެ ޖަލްސާގައި ލޯފަން 9 ފަރާތަކުން ވަނީ ބެޗްލާ އޮފް އިމާމްޝިޕް ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލް ކޮށްފައެވެ. ލޮލަށް ނުފެނުނު ނަމަވެސް މީގެ ތެރެއިން ގިނަ ފަރާތްތަކަކީ މިހާރު ވެސް އިމާމެއްގެ ވަޒީފާ ފަރުވާތެރި ކަމާއިއެކު އަދާކުރަމުން އަންނަ ފަރާތްތަކެވެ. މީގެ އިތުރުން ބައެއް މީހުންނަކީ އެކިއެކި ޒިންމާދާރު ވަޒީފާތަކުގައި ތިއްބެވި ފަރާތްތަކެވެ.

ބެޗްލާ އޮފް އިމާމްޝިޕް ކޯސް ފުރިހަމަކޮށް ދަސްވެނިވި ލޯފަން ފަސް އިމާމުންގެ ތެރޭފައި ހިމެނެނީ ފ. ފީއަލީ މިސްކިތުގެ އިމާމް، ހުސެއިން ޝަރީފް، އއ. އުކުޅަހު މިސްކިތުގެ އިމާމް އަހްމަދު ފަޔާޒް، ށ. ފޭދޫ މިސްކިތުގެ އިމާމް، އަބްދުއްރަޝީދު މުޙައްމަދު، ޅ. ހިންނަވަރު މިސްކިތުގެ އިމާމް މޫސާ މުޙައްމަދުގެ އިތުރުން ހދ. ނެއްލައިދޫ މިސްކިތުގެ އިމާމް އަޙްމަދު އަޝްރަފް އެވެ.

މީގެ އިތުރުން ބެޗްލާ އޮފް އިމާމްޝިޕް ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކުރި ލޯފަން މީހުންގެ ތެރޭގައި ހިމެނެނީ ޅ. ހިންނަވަރު، އަބްދުﷲ ޝާޒްލީ، ޅ. ހިންނަވަރު ހުސެއިން ޝަޔާޒް، ފ. ނިލަންދޫ މުޙައްމަދު އަޙްމަދުގެ އިތުރުން އދ. މާމިނގިލީ ޒުބެއިރް މަހަމޫދެވެ. ލޮލުގެ ފެނުމުން މަހްރޫމްވެފައި ވީ ނަމަވެސް މިނުވަ މީހުންގެ ތެރޭގައި ތިއްބެވި ބައެއް މީހުންނަކީ ޤުރުއާން އެއްކޮށް ހިތުދަސްކޮށް ހާފިޠު ކަމުގެ ސަނަދު ވެސް ހާސިލް ކޮށްފައިވާ ފަރާތްތަކެވެ.

މި ނުވަ މީހުންނަކީ ވެސް ލޯފަން މީހުންގެ ހައްޤުތައް ކަށަވަރު ކުރުމަށް ރާއްޖޭގައި އުފައްދާފައިވާ (ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް) ޖަމިއްޔާގެ މެމްބަރުންނެވެ.

ލޯފަން މީހުންނަށް އުނގެނުމުގައި ދިމާވެފައިވާ އަދި މިހާރު ވެސް ދިމާވަމުން އަންނަ ދަތިތަކާއި ގުޅޭގޮތުން ލޯފަން މީހުންގެ ޖަމިއްޔާގެ ފަރާތުން "ތިލަދުން" އާއި ވާހަކަ ދައްކަމުން އެ ޖަމިއްޔާގެ ނައިބް ރައީސް ހުސެއިން ޝަރީފް ބުނެފައި ވަނީ މިހާރު ތަފާތު ވަސީލަތްތައް ތަޢާރަފްވެ މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރުވެ ލޯފަން މީހުންނަށް އަސާސީ ތަޢުލީމް ފޯރުކޮށް ދެމުން އައި ނަމަވެސް މީގެ އަހަރުތަކެއް ކުރިން ލޯފަން މީހުން ވަނީ އަސާސީ ތަޢުލީމުން ވަރަށް ބޮޑަށް މަޙްރޫމްވެފައި ކަމަށެވެ. މި ސަބަބާއިހުރެ އެ ދުވަސްވަރު ބޮޑެތިވަމުން އައި ކުދިންނަށް މިހާރު މި ފޯރުކޮށްދޭ ތަޢުލީމް ތެރެއަށް ވަނުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ.

ކުރިއާއި އަޅާބަލާއިރު އަސާސީ ތަޢުލީމް ހޯދުމުގައި ފަސޭހަތަކެއް ލިބިފައި ވީނަމަވެސް އަދިވެސް އެކަމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަ ކުރަމުން  ހުސެއިން ބުނީ ލޯފަން ކުދިންނަށް ކިޔަވައިދޭން ސްކޫލް މާހައުލުގައި ވެސް އޯޑިއޯތައް ތައްޔާރު ކުރެވިފައި ނުވާކަމަށާއި، ލޯފަން ކުދިންނަށް ހާއްސަ ފަސޭހަތަކާއިއެކު ކްލާސްތައް ފުރިހަމަ ކުރެވިފައި ނުވުމުގެ އިތުރުން ކިވައި ދެއްވާ މުދައްރިސުން ވެސް އެންމެ އެދެވޭގޮތެއްގައި އެކަމަށް ތަމްރީން ކުރެވިފައި ނުވާކަމަށެވެ.

ހުސެއިން އިތުރަށް ބުނީ އިމާމް ކޯސްތަކުގައި ކިޔަވަމުން ދިޔައިރު ދިމާވާ އެންމެ ބޮޑު ދައްޗަކީ ކޯހުގައި ކިޔަވައިދޭ ފިލާވަޅުތަކާއި ގުޅިގެން ކޮލެޖުން ފޯރުކޮށްދޭ އެންމެހާ ލިއެކިއުންތައް އަމިއްލައަށް ކިޔައި ދަސްކުރެވޭނެ ގޮތެއް ނެތުނަ ކަމަށެވެ. ވުމާއެކު އެހެން މީހެއްގެ އެހީތެރިކަމާއިއެކު އެ ލިޔުންތައް ކިޔައި ރެކޯޑްކޮށްގެން ދަސްކުރަން ޖެހޭކަމަށާއި، އެންމެން ވެސް އަވަދިނެތި އުޅޭ މި ޒަމާނުގައި އެހެން މީހުން ލައްވައި އެކަން ކުރަން ޖެހުމަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި، އެކަމުގައި އެކުގައި ކިޔެވި ކުދިންގެ ފަރާތުން ލިބުނު އެހީތެރިކަން ހުސެއިން ފާހަގަ ކުރަނީ ޝުކުރުވެރި ކަމާއި އެކުގައެވެ.

ހުސެއިން އިތުރަށް ބުނެފައި ވަނީ ކޯހުގައި ދޭ ޓިއުޓޯރިއަލްތަކާއި އެސައިމަންޓްތައް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭ ނިންމަން ޖެހޭއިރު އެ މަސައްކަތް ލޯފަން މީހުންނަށް ކުރިއަށް ގެންދެވެން އޮންނަނީ އޭގައި ލިޔެފައި އޮންނަ އެއްޗެއް އެހެން މީހަކު ލައްވައި ކިޔުއްވައި ރެކޯޑް ކުރުމަށް ފަހު ކަމަށެވެ.

އެސައިމަންޓްތަކަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގައި ވެސް ބޮޑެތި ގޮންޖެހުން ހުންނަކަން ފާހަގަ ކުރަމުން ހުސެއިން ބުނީ އިންޓަނެޓް ބޭނުން ކޮށްގެން ސައިޓްތަކުން މަޢުލޫމާތު ހޯދަންބަލާއިރު އެކަށީގެންވާވަރާއި ގާތަށް ވެސް އޯޑިއޯ ފޮތްތައް ލިބެން ނުހުންނަ ކަމަށާއި ވުމާއެކު ސައިޓްތަކަށް ވަދެ އެހެން މީހެއްގެ އެހީއާއި ނުލައި ބޭނުންވާ އެންމެހާ މަޢުލޫމާތު ނުހޯދޭ ކަމަށެވެ.

ހުސެއިން އިތުރަށް ބުނީ މިހާރު މިކިޔަވައިދޭ ކޯސްތަކަކީ ލޮލަށް ފެންނަ މީހުންނަށް އަމާޒުކުރެވިގެން އެ ގޮތަށް ފަރުމާ ކޮށްފައިވާ ކޯސްތަކެއް ކަމަށާއި، ވުމާއެކު ލޯފަން މީހުންނަށް އެ ކޯސްތައް ކިޔެވުމުގައި ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ.

ލޯފަން މީހުންގެ އެންމެ ބޮޑު އެދުމަކީ ކޯސްތަކުގައި ބޭނުންކުރާ ހުރިހާ މެޓީރިއަލްއެއްގެ އޯޑިއޯތައް ތައްޔާރުކުރެވިފައި ހުރުމެވެ. އަދި އުނގައްނައިދޭން ބޭނުންކުރެވޭ ކްލާސްރޫމްތައް ލޯފަން މީހުންނަށް ވެސް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައި ހުރުމާއި ކިޔަވައިދެއްވާ މުދައްރިސުން އެކަމަށް ތަމްރީންވެފައި ތިބުމެވެ. އެހެން ވެއްޖެނަމަ ލޯފަން މީހުންނަށް ވެސް އެހެން މީހުންގެ އެހީތެރިކަމާއިނުލައި އަމިއްލަ މަސައްކަތުން ކޯސްތައް ފުރިހަމަ ކުރުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ.

ހުސެއިން ފާހަގަ ކޮށްފައިވާ ގޮތުގައި ކޯސްތަކުގައި ކިޔަވައިދޭން ބޭނުންކުރާ އެންމެހާ ޑޮކިއުމެންޓްތަކުގެ އޯޑިއޯ ތައްޔާރު ކުރުމަކީ ގޮންޖެހުން އޮތްނަމަ ވެސް ނުވާވަރު ކަމެއް ނޫނެވެ. އެކަން އެހެން ކުރެވިއްޖެނަމަ އެއީ ޖީލުތަކަކަށް ދެމިގެންދާނެ ބޭނުންތެރި މަސައްކަތަކަށް ވާނެ ކަމުގައި އޭނާ ދެކެއެވެ.

ހުސެއިން އިތުރަށް ބުނީ އަދިވެސް ވަރަށް ގިނަ މީހުން ދެކޭގޮތުގައި ލޯފަން މީހުންނަށް ހަމައެކަނި ވާނެ ކަމަކީ ޤުރުއާން ހިތުދަސްކޮށް އިމާމް ކަން ކުރުން ކަމަށާއި ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. ފަސޭހަތަކާއިއެކު ފުރުޞަތުތައް ލިބިއްޖެނަމަ ލޯފަން މީހުންނަކީ މުޖުތަމަޢުގެ ތަފާތު ދާއިރާތަކުން އުނގެނި ޚިދުމަތް ކުރުމުގެ ޤާބިލްކަން ލިބިފާވާ ބައެއް ކަމަށެވެ.

އިމާމް ކޯސް ނިންމައި ދަސްވެނިވި ނުވަ މީހުންގެ ތެރޭ ޑިޕްލޮމާ ޤުރުއާން އެންޑް ޓީޗިން ކޯސް ފުރިހަމަ ކޮށްފައި ތިބި މީހުން ވެސް އެބަތިއްބެވެ. ލޯފަން ނަމަވެސް މި ފަރާތްތަކުން ބައިވެރިވެ ފުރިހަމަ ކޮށްފައިވާ ކޯސްތަކުގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަރާތްތަކުގެ ތެރޭގައި މި ފަރާތްތައް ހިމެނެއެވެ.

ދަސްވެނިވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވަނީ މިކަމަށް ފެހި ސިގްނަލް ދެއްވާފައެވެ. ޑރ.ޒަކަރިއްޔާ ވިދާޅުވީ އިމާމު ކޯހުގައި ކިޔަވައި ލޯފަން ދަރިވަރުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ފޭސްތަކަކަށް ބަހާލައިގެން އެ ކޯހަށް ބޭނުންވާ ފޮތްތަކުގެ އޯޑިއޯ ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެކަމަށް ބޭނުންވާ ޓީޗިން މެޓީރިއަލްގެ އޯޑިއޯތަށް ވެސް ތައްޔާރު ކުރެވިގެން ދާނެ ކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީގެ ބެޗްލާ އޮފް އިމާމްޝިޕް ކޯސް ފުރިހަމަކޮށް މި ނުވަ ފަރާތުން މިވަނީ ނުކުޅެދުންތެރިކަމެއް ހުރުމަކީ ތައުލީމުން މަހުރޫމްވާން ޖެހޭ ސަބަބެއް ނޫންކަން މުޖުތަމަޢަށް ވަރަށް ފުރިހަމައަށް ސާބިތު ކޮށްދީފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *