ފ. ނިލަންދޫ ފަޅުން ދެރަށް ހިއްކައި ފަތުރުވެރިކަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސްގެ ދެކަނބަލުން ފ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނިލަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށްޓަކައި ނިލަންދޫގެ ފަޅުން ދެރަށް ހިއްކައި، ޓޫރިޒަމަށް ހުޅުއްވާލައްވާނެ ކަމަށާއި ވަޒީފާ އުފެއްދުމަށް ޓޫރިޒަމް ފުޅާކުރަންޖެހޭ ކަމަށެވެ.
" އަޅުގަނޑުމެން މިރަށުގެ ފަޅުގައި ދެ ރަށް ހިއްކައި ޓޫރިޒަމް ފުޅާކުރާނަން. އޭރުން ޒުވާނުންނަށް އާއިލާއާއެކު ރަށުގައި އުޅުމުގެ ފުރުޞަތު ފަހިވެގެންދާނެ" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނިލަންދޫގައި ސަރަޙައްދީ ޕޮލިސް ސްޓޭޝަން ޤާއިމްކުރަން ނިންމާފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ އެރަށުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރައްވަން ހުރިކަން ވެސް ފާހަގަކުރައްވާފައެވެ.
އެގޮތުން ނިލަންދޫގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ބަނދަރުގެ ދަތިކަން ކަމަށާއި އެ ދަތިކަން ހައްލުކުރުމަށް ރައްޔިތުން ބޭނުންވާގޮތަށް ބަނދަރު ހަދަން މިހާރުވާނީ ކޮންޓްރެކްޓްކޮށްފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެ މަޝްރޫޢުއާއެކު ރަށްގިރުގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށްގެންދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއާއެކު ބޮޑު ބަދަލެއް އެރަށުން ފެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ނިލަންދޫ ސްކޫލް ހޯލްގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނުވަނީ އެރަށުގެ ނަރުދަމާ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކޮށްދެއްވާނެކަމުގެ ޔަގީންކަމާއި ފެނުގެ ނިޒާމް އަޕްގްރޭޑްކުރުމާއި އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުން ވެސް ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!