މި ހިނގާ ޑިސެމްބަރު މަހު 4 ވަނަ ދުވަހު ގެރޭ ހުޅުމާލޭގައި ޓެކްސީއެއްގެ ތެރޭގައި އދ. މާމިގިލީ ކަނީރުމާގެ ޤާސިމް ޙަސަން މަރާލާފައިވާ ހާދިސާއާ ކަނޑިތީމް ދާއިރާގެ މެންބަރާއި ގުޅުވައިގެން ދޮގު ވާހަކަތަށް ބައެއް މީޑިއާ ތަކުގައި ފަތުރަމުންދާތީ ކަނޑިތީމް ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް ޢަބްދުލްހަކީމް އެކަން ދޮގުކޮށްފިއެވެ.
މެމްބަރު މިއަދު ނެރެފައި ވާ ބަޔާނުގައި ބުނެފައިވަނީ ޤާސިމް ޙަސަންއާ ބައްދަލުވެ ނުވަތަ އެނޫން ގޮތަކުންވެސް ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި ކަން މިހެން އޮތްއިރު، ގާސިމްގެ މަރާއި އަބްދުﷲ އާއި ގުޅުމެއް އޮތް ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ އަޑުތަކަކީ އެއްވެސް މިންވަރެއްގެ ޙަޤީޤަތެއް ހުރި ވާހަކަތަކެއްގެ މައްޗަށް ފަތުރާ އަޑުތަކެއް ނޫންކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ސޯޝަލްމީޑިޔާގައި މި ދޮގު ވާހަކަތައް ފަތުރަމުން ގެންދާ ބައެއް ފަރާތްތަކަކީ މީގެ ކުރިންވެސް މިފަދަ ދޮގު އެހެން ވާހަކަތަކެއް މެމްބަރާއި ބެހޭ ގޮތުން ފަތުރަމުން ދިޔަ ފަރާތްތަކެއްކަން ފާހަގަކުރާކަމަށާއި މިފަދަ ނުރައްކާތެރި އަދި ބިރުވެރި ޢަމަލުތަކާ ގުޅޭ ގޮތުން އެފަދަ ދޮގު ޚަބަރުތައް ފެތުރުމުގެ ނަތީޖާއަކަށްވަނީ
މުޖްތަމަޢުތެރޭގައި އެއްބައެއްގެ މައްޗަށް އަނެއް ބަޔަކު ނަފުރަތުވެ ފިތުނަވެރިކަން އިތުރުވުން ކަމަށް ވެސް ފާހަގަ ކުރައްވާފައިވެއެވެ.
ހަމަ އެއާއެކު ބަދަލުހިފުމުގެ ރޫޙު އާލާވުމުގެ ސަބަބުން މިފަދަ ނުރައްކާތެރި ޢަމަލުތައް ތަކުރާރުވުމުގެ ފުރުޞަތު އިތުރުވެގެން ހިނގައިދާނެ ކަމުގެ މައްޗަށްވެސް ބަޔާނުގައި ވަނީ އަލިއަޅުވާލާފައެވެ.
މެމްބަރު ގެބަޔާނުގައި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ފަރަތުން ގާސިމްގެ މަރުގެ މައްސަލަ އަވަސް ގޮތެއްގައި ތަހުގީގުކޮށް އާއިލާއަށް އިންސާފް ހޯދައި ދިނުމަށް ގޮވާލާ މި މައްސަލަ ވަނީ ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.
އަދި މި ބަޔާނުގައި މިރާއްޖެއަކީ ސަލާމަތްތެރިކަމާއެކު ދިރިއުޅެވޭނޭ ރާއްޖެއަކަހެދުމަށްޓަކައި ފުލުހުން ކުރައްވަންޖެހޭ ކަންކަން ކޮށްދެއްވުމަށް ގޮވާލާ ޤާސިމް ޙަސަންއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުމަށާއި މި ހިތާމަވެރި ވަގުތު ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި އާއިލާއަށް ވަނީ ތަޢުޒިޔާ ދައްނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!