ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނިލަންދެ އަތޮޅު އުތުރުބުރީގެ ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މިއީ އެ އަތޮޅުގެ ހުރިހައި ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.

Ad
rt

މި ދަތުރުފުޅުގެ ތެރެއިން ނިލަންދުއަށް ވަޑައިގެންނެވުމުން، ސަގާފީ ހަރަކާތްތަކާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި، އެރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މީގެ އިތުރުން އެރަށުގައި ހުރި ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލެއްވުމަށް ހަމަޖެހިފައިވާއިރު، އެރަށުގައި އަމިއްލަ ފަރާތަކުން ގާއިމުކުރި "ތަދްރީސުލް ޤުރުއާނުލްކަރީމް" ޤުރުއާން ކްލާސް ރައީސްގެ ދެކަނބަލުން ހުޅުއްވައިދެއްވާ އެތަން ބައްލަވާލައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދަރަނބޫދޫއަށް މިއަދު މެންދުރު ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މިއަދު ހަވީރު ވަޑައިގަންނަވާނީ މަގޫދޫއަށެވެ. އަދި މާދަމާ ވަޑައިގަންނަވާނީ ބިލެތްދޫއަށާއި ފީއައްޔަށެވެ.

މިދަތުރުފުޅުގައި ރައީސް އެރަށްރަށުގެ ކައުންސިލާއި، އ.ތ.މ ކޮމިޓީގެ މެމްބަރުންނާއި އަދި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން އެރަށްރަށުގައި ސަރުކާރުން ހިންގައި ނިމިފައިވާ މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށާއި، ކުރިޔަށްދާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ކުރިޔަށްދާގޮތް ވެސް ބައްލަވައިލެއްވުމަށް ހަމަޖެހިފައިވެއެވެ.