މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގައި 8 ގައުމެއްގައި ވޯޓުލާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އެ ކޮމިޝަނުން ނައިބު ރައީސް އިސްމާއިލް ހަބީބު އަބްދުއްރަހީމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިގޮތަށް ނިންމީ ރިޔާސީ އިންތިހާބުގައި، ރާއްޖޭން ބޭރުގައި ދިރިއުޅޭ ވީހާ ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން 8 ޤައުމެއްގެ 9 ސިޓީގައި ވޯޓުފޮށި ބެހެއްޓުމަށް ނިންމަވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަބީބުގެ ޓްވީޓީގައިވާ ގޮތުގައި ވޯޓު ފޮށި ބެހެއްޓެވުމަށް ކޮމިޝަނުން ނިންމާފައިވަނީ ޓްރިވެންޑްރަމް، ނިއު ދިއްލީ، ކޮލަމްބޯ، ކުއަލަ ލަމްޕޫރު، ސިންގަޕޫރު ގައެވެ. އަދި ލަންޑަނާއި ބެންގކޮކް އަދި ޔޫއޭއީގެ އަބޫދާބީ އާއި ޖަޕާނުގެ ޓޯކިޔޯގައި ވެސް ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
އެހެންނަމަވެސް މި ގައުމުތަކުގައި ވޯޓުފޮށި ބަހައްޓާނީ ވޯޓުލުމަށް 150 މީހުން ރަޖިސްޓަރީ ކޮށްފިނަމައެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ރީރަޖިސްޓްރޭޝަން ނިމުމުން މިގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނެ ޢަދަދު ކަނޑައެޅިގެން ދާނެ ކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގައި 282755 މީހުންނަށް ވޯޓުލުމުގެ ލިބިފައިވާ ކަމަށާއި ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށް ވެސް އީސީ އިން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!