ކަންބޮޑުވުންތަކާއި ހާސްކަން އެއްފަރާތްކޮށް، ނަފުސަށާއި ރޫހަށް ފަރުވާކުރަން ބޭނުންވާ ނަމަ ކީރިތި ޤުރްއާން ކިޔެވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރި ވެއްޖެއެވެ.

"މާތް اللهގެ ރަހުމަތްފުޅުގެ ތަނަވަސްކަން" މި މައުޟޫއުގައި ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ މާތްﷲ ކީރިތި ޤުރުއާން ބާވައިލައްވާފައިވަނީ ރަހުމަތެއް ކަމުގައި ކަމަށާއި އަހަރެމެންގެ ހަޔާތް މާތްﷲ ގެ މަގަށް މިސްރާބުކޮށްދޭ ސަމުގާއަކީ އެ ފޮތް ކަމަށެވެ. އަދި އެ ފޮތަކީ މުނިފޫހި ފިލުވައިދޭ މިތުރެއް ކަމަށާއި ކަންބޮޑުވުން ދުރަށް ލައިދޭ އެކުވެރިއެއް ކަމަށެވެ.

Ad
rt

މީގެ އިތުރުން އެއީ އަހަރެމެންގެ ބަލިތަކުގެ ޝިފާ ކަމަށާއި ފުރާނައިގެ ކާނާ ކަމަށް ވެސް ވަނީ ބުނެފައެވެ.

"އެހެންކަމުން މާތްﷲ އަށް މުނާޖާ ދަންނަވަން, ތިބާގެ ވެރިރަސްކަލާނގެ ދެނެގަތުމަށް, އީމާންކަން ހަރުދަނާކުރަން, ސުވަރުގޭގެ މަގުން ދަތުރުކުރަން, ކަންބޮޑުވުންތަކާއި ހާސްކަން އެއްފަރާތްކުރަން އަދި ނަފުސަށާއި ރޫހަށް ފަރުވާކުރަން ބޭނުންވާ ނަމަ ޤުރުއާން ކިޔަވާ." ޚުތުބާގައިި ހަނދުމަކޮށްދިނެވެ.

މީގެ އިތުރުން އެކަލާނގެއީ އެކަލާނގެ ހެއްދެވި އެންމެހައި އަޅުންނަށް, މުސްލިމުންނަށާއި ކާފިރުންނަށް ވެސް ދުނިޔެމަތީގައި ރަހުމާންވަންތަ ރަސްކަލާނގެ ކަމަށާއި އެކަލާނގެއަށް އުރެދޭ މީހުންނަށް ވެސް އެކަލާނގެ މުހުލަތު ދެއްވާ ކަމަށް ވަނީ ބުނެފައެވެ.

އެއީ އެ މީހުން ހޭވެރިވެ، ތައުބާވެ, ﷲގެ ހަޟްރަތަށް އެނބުރި އާދޭތޯ ކަމަށާއި އެ މީހުންނަށް ދުނިޔޭގެ އަރާމާއި ލައްޒަތާއި ދަރީންނާއި ތަނަވަސްކަމާއި ދުޅަހެޔޮކަން ދެއްވައި ބިރުތަކުން ސަލާމަތް ކުރައްވާ އަމާންކަން ދެއްވީ އެ މީހުން ﷲ އަށް ކާފިރުވެ, ޝަރީކުކޮށް, ﷲ ވޮޑިގެންނުވާ ކަމާއިމެދު އިންކާރުކުރާ ހިނދުގައި ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ ﷲ ގެ ރަހީމުވަންތަކަމަކީ މުއުމިނުންނަށް ހާއްސަ ކުރައްވާފައިވާ ސިފަފުޅެއް ކަމަށާއި ﷲ ލައްވަވާ މި ރަހުމަތް ހާއްސަ ކުރައްވާފައިވަނީ އެކަލާނގެއަށް އީމާންވެ, ﷲ އަށް ރުކޫއުކޮށް ސަޖިދަކޮށް ﷲގެ ހައްގުތައް އަދާކުރާ މީހުންނަށް ކަމަށެވެ.