ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނެވުމުގެ މަސައްކަތް ފަށާފައިވާކަމަށް ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ އެޖޫޓަންޓް ޖެނެރަލް ކޯޕްސް، އޭޖީ ކޯރގެ 3 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން އިނީޝިއޭޓިވްގެ ތެރެއިން ސިފައިންގެ މުސާރައަށް ހެޔޮބަދަލު ގެންނެވުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި އެ ބަދަލު އައިސް، އެކަމުގެ ފައިދާ ސިފައިންނަށް ވަރަށް އަވަހަށް ލިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

Ad
rt

މާރިޔާ ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ސިފައިންނާއި ގުޅުންހުރި އެންމެ މުހިއްމު އަދި އެންމެ އިސްކަމެއްގެ ގޮތުގައި ދެކެވަޑައިގަތީ ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅުކޮށްދެއްވައި ސިފައިންނަށް ބޭނުންވާ ޚިދުމަތްތަކަށް ހެޔޮ، ރަނގަޅު ބަދަލުތަކެއް އަވަހަށް ގެނެސްދެއްވުން ކަމަށެވެ.

އެގޮތުން ހައުސިން އެލަވެންސް ދެއްވުމުގެ އުޞޫލާއި، ސިފައިންނަށް ބޮޑެތި ޞިއްޙީ މައްސަލަތައް ކުރިމަތިވުމުން ޗުއްޓީދެއްވުމުގެ އުޞޫލަށް ހެޔޮ ބަދަލުތަކެއް ގެނެސް ދެވިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަމުގައި ކުރިން ސިފައިން އުފުލަންޖެހުނު ކިތަންމެ ތަކުލީފެއް ހައްލުކޮށްދެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ސިފައިންގެ ތެރެއަށް އެންމެ ފަހުން ތައާރުފްކުރި އެޖޫޓަންޓް ޖެނެރަލް ކޯރގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އަސްކަރީ އަދަބު އަޚްލާޤު ހިފެހެއްޓެވުމާއި ދެމެހެއްޓެވުމާއި، އިދާރީ ހިންގުމުގެ ނިޒާމު ހަރުދަނާކަމާއެކު ދެމެހެއްޓުން ހިމެނެއެވެ. އަދި އަސްކަރީ ޢަދުލުގެ ނިޒާމު ރާވައި ހިންގަވައި ތަންފީޒުކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން 1892 ގައި ރާއްޖޭގައި ސިފައިން އުފެއްދި ދުވަހުން ފެށިގެން ސިފައިންގެ އެންމެ އަސާސީ އެއް މަސައްކަތް ކަމުގައިވާ ހެވިކަމާއި އަސްކަރީ ސަޤާފަތު ދެމެެހެއްޓެވުން ފަދަ ކަންކަން ވެސް ހިމެނެއެވެ.