"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ މި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އީސީ އަށް ހުށަހެޅީ 21 މެއި 2023 ގައެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅުމުން އީސީއިން މިއަދު ވަނީ 3 މަސް ދުވަހުގެ ތެރޭގައި އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މެންބަރުންގެ ސޮއި ހަމަކޮށް އެ ޕާޓީ އުފެއްދުމުގެ މަސައްކަތްތަކުގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ހުއްދަ ދީފައެވެ.
އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ބެލި މައްސަލައަކަށްފަހު އެ ޕާޓީގެ ޕީޖީ ގްރޫޕްގައި ހިމެނޭ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެ ޕާޓީން މި މަހުގެ 16 ވަނަ ދުވަހު ވަކިކޮށްފައިވަނިކޮށް، ޖެހިގެން އައި 17 ވަނަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ 12 މެންބަރަކު ވަނީ އެމްޑީޕީން ވަކިވެފައެވެ. ހަމަ އެދުވަހު ''ފިކުރެއްގެ ދިރުން'' ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ޓީމުން އާ ޕާޓީއެއް އުފައްދަން މަސައްކަތްފެށިކަން ހާމަކޮށްފައެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ވެސް ބުނެފައެވެ.
"ދަ ޑިމޮކްރެޓްސް"ގެ ފަރާތުން މިހާރު ވަނީ 3000 މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ވެސް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!