ތޫނު އެއްޗަކުން ބިރުދައްކައި، މާރާމާރީ ހިންގައި މުދަލަށް ގެއްލުން ދިން މައްސަލައިގާ ހޯދަމުންދިޔަ މީހާ ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގެއަކަށްވަދެ މީހަކަށް ތޫނުއެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގައި، މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ހޯދަމުންދިޔަ ރ. މަޑުއްވަރީ / ދެތަނޑިމާގެ، އިބްރާހިމް ސަމީން ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

އޭނާ ހޯދުމަށް ފުލުހުން އާންމުކޮށް ޢިއުލާން ކުރެއްވީ އިއްޔެއެވެ.

އުމުރުން 34 އަހަރުގެ ސަމީން ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޟިރުވުމުން ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ އޭނާ ހޯދަމުންދިޔައީ މެއި 2 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެ އެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ކަމަށެވެ.