ތައުލީމު ހާސިލުކުރަން ލިބޭ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިބްރާހީމް ހަސަން އިލްތިމާސް ކުރައްވައިފިއެވެ.

އޭނާ މިފަދައިން އިލްތިމާސް ކުރެއްވީ ރައީސްގެ ހާއްސަ ސްކޮލާޝިޕާއި އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ސްކޮލާޝިޕް ލިބުނު ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ވަޒީރު ވަނީ ކޮންމެ ގައުމަކަށް ދިޔަނަމަވެސް، ކޮންމެ ކުއްޖަކު ވެސް ތިމާއަކީ މުސްލިމެއްކަމާއި، ދިވެއްސެއްކަން ހަނދާނުގައި ބެހެއްޓުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި މުސްލިމުން އަދި ދިވެހިންގެ އުޅުމާއި ގުޅުންތައް ހުންނަންޖެހޭ ގޮތަކަށް ކުދިންގެ އަޚުލާގު ބެހެއްޓުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާއެވެ.

މީގެ އިތުރުން ކޮންމެ ދާއިރާއަކުން ތައުލީމު ހާސިލުކުރިނަމަވެސް، އެނބުރި ގައުމަށް އައިސް ޚިދުމަތްކޮށް ދިނުމަށް އެދިވަޑައިގެންނެވިއިރު، އެންމެ ކުއްޖަކު ނައިނަމަވެސް، އޭގެ ގެއްލުން މުޅި ގައުމު އުފުލާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔެވުމަށް ސަރުކާރުން ބޮޑު އިންވެސްޓްމެންޓެއް ކުރައްވަމުން ގެންދަވާ ކަމަށާއި އެހެންކަމުން ކިޔަވައި ނިންމުމަށްފަހު ގައުމަށް އެނބުރިއައިސް ގައުމަށް ޚިދުމަތް ކުރުމަށް ތަކުރާރުކޮށް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ޕްރެޒިޑެންޓްސް އެވޯޑް އެންޑް ހައި އެޗީވާސްސްކޮލަޝިޕް ލިޔުން ހަވާލުކޮށްފައިވަނީ މި މޭ މަހުގެ 15 ވަނަ ދުވަހު ބޭއްވި ޚާއްސަ ޖަލްސާއެއްގަ އެވެ.

ރައީސްގެ ޚާއްސަ ސްކޮލަރޝިޕަކީ މަތީ ސާނަވީ މަރުޙަލާގައި ކިޔަވާ ދަރިވަރުންނަށް ކިޔެވުމަށް ބާރުއެޅުއްވުމާއި، ރަނގަޅު ނަތީޖާ ހޯދުމަށް ހިތްވަރުދެއްވުމެވެ. އަދި ރައީސްގެ ޚާއްސަ ސްކޮލަރޝިޕް ދެއްވަނީ ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ނުވަތަ ފުރަތަމަ ޑިގްރީއަށްވުރެ ދަށުގެ ސަނަދަކަށް ކިޔެވުމަށެވެ.

މި ސްކޮލަރޝިޕްގައި ދަރިވަރު ބޭނުންވާ ކޮންމެ ދާއިރާއަކުން ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ.

މި ސްކޮލަރޝިޕްތައް ދީފައިވަނީ އިސްލާމާއި ދިވެހި ހިމެނޭގޮތަށް 5 މާއްދާއިން އޭ.ސްޓަރ ޙާޞިލްކޮށްފައިވާ ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާނުގައި ބައިވެރިވެ ހުރިހާ މާއްދާއަކުން އޭ.ސްޓަރ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ. އަދި ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑް ލިބިފައިވާ ދަރިވަރުންވެސް މީގެތެރޭގައި ހިމެނެއެވެ.

މި ސްކޮލަރޝިޕްގެ އުސޫލުގައި އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މި ފުރުސަތުގެ ބޭނުން ހިފައި ކިޔަވަން ފަށަންޖެހެއެވެ.

2022 ވަނަ އަހަރު ރައީސްގެ ޚާއްސަ ސްކޮލަރޝިޕް 17 ދަރިވަރަކަށް އަދި ހައި އެޗީވަރސް ސްކޮލަރޝިޕް 138 ދަރިވަރަކަށް ވަނީ ލިބިފައެވެ.