އައްބާސް އާދިލް ރިޒާ ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާން ކޮށްފިއެވެ.

އެ އިދާރާއިން ވިދާޅުވީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެ ކޯޓަށް ހާޟިރުކުރަން ބޭނުންވެ، ނަމަވެސް ހާޟިރުކުރެވިފައި ނުވާތީ، އައްބާސް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް ކުރި އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Ad
rt

ކްރިމިނަލް ކޯޓުން ފުލުހުންނަށް ކޮށްފައިވާ އަމުރުގައި ވަނީ މިއަދު މެންދުރުފަހު 2:30 ގެ ކުރިން އެ ކޯޓަށް އައްބާސް ހާޒިރުކުރުމަށެވެ.

އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓަށް (9991442) ގުޅުމަށް، ފުލުހުން ވަނީ އެދިފައެވެ.

އިންޑިއާ ހައިކޮމިޝަންގައި ރޯކޮށްލަން ގޮވާލާ ކުރި ޓްވީޓަކާއި ގުޅިގެން އައްބާސް ހައްޔަރުކުރި ނަމަވެސް، މިދިޔަ ޖެނުއަރީ މަހުގެ 13 ގައި އޭނާ ވަނީ ޝަރުތުތަކާ އެކު ދޫކޮށްލާފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބިދާލެވެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު ގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން އައްބާސްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންކަމުން ޤާނޫނުލްއުޤޫބާތު ގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި ހަވާލާދީ އޭނާގެ މައްޗަށް ކޮށްފައި ވަނީ، ކަނޑައެޅިގެން އެނގިހުރެ، ފަނާކުރަނިވި ޢަމަލެއް ހިންގާފާނެކަމުގެ ބިރު މީހަކަށް ނުވަތަ ބަޔަކަށް ދެއްކުމުގެ ދައުވާ އާއި މުހިންމު ޢާންމު ތަނެއް ހިންގުމަށް، އެކަށީގެންވާ ހުރަހެއް ނުވަތަ އުނިކަމެއް ގެނައުމުގެ ދަޢުވާއެވެ.

އޭނާގެ މައްޗަށް ދަޢުވާ ކުރަން ހުށަހެޅި ސަބަބަކީ 22 ޑިސެންބަރު 2022 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ "ކްލަބްހައުސް" ގައި އޭނާ ވާހަކަ ދައްކަމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ޕެޓްރޯލާއި، ވާބުރި ފަދަ ތަކެތި އެއްޗެހި ހޯދައި، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީފައިވާތީއާއި، 23 ޑިސެންބަރު 2022 ދުވަހު އޭނާ ބޭނުންކުރާ ޓުވިޓާ އެކައުންޓުން ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކޮށްފައިވާތީ ކަމަށެވެ.

އައްބާސް އާދިލް ރިޒާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަސްޓަމްސްގެ ކޮމިޝަނަރުކަމާއި މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޓްރޭޑް ރިޕްރަޒެންޓޭޓިވްގެ މަގާމު އަދާކުރައްވާފައިވާ ފަރާތެކެވެ.