ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަލުކުރުމަށް ޗައިނާ އާއެކު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ކުރެއްވީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރޭގައެވެ.
ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްްވައި، ދެޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އެގޮތުން ފަތުރުވެރިކަމާއި، ތައުލީމާއި، ކުޅިވަރާއި، ދަނޑުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ދެއްކެވި ވާހަކަފުޅުގައި، ކުރިޔަށް އޮތްތަނުގައި ވެސް ވިޔަފާރީގެ ދާއިރާ ހިމެނޭގޮތުން ދެގައުމަށް ފައިދާހުރި މަޝްރޫޢުތައް ދެޤައުމުން ގުޅިގެން ހިންގޭނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ދެގައުމުގެ ކަންބޮޑުވުން ހުރި މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމާއި އެކު، ރާއްޖެއާ ޗައިނާ އާއި މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީންކުރައްވާކަމުގައި ދެ ބޭފުޅުން ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!