ހއ. އަތޮޅުގެ ވެރިރަށް ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފިއެވެ.
މި ޚިދުމަތް ފަށާފައިވަނީ މި މޭ މަހުގެ 20 ވަނަ ދުވަހުއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދެވެ.
މިކަމާއި ގުޅިގެން އެ ހޮސްޕިޓަލުގެ މެނޭޖަރު އާދަމް ނަސީރު 'ތިލަދުން' އަށް ވިދާޅުވީ، ހއ. އަތޮޅު ހޮސްޕިޓަލްގައި މިފެށި ޚިދުމަތާއެކު ކޮންސަލްޓޭޝަންގެ ހުރިހައި ކަމެއް މިހާރު ކުރެވޭނެ ކަމަށާއި އައިނު ހެއްދުމަށް ނަމްބަރު ވެސް ނެގޭނެ ކަމަށެވެ. އަދި މިއީ ގާތްގަޑަކަށް 2 ނުވަތަ 3 މަސްދުވަހުގެ މަސައްކަތްކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އޭނާ ވިދާޅުވީ ލޮލުގެ ޚާއްސަ ޑޮކްޓަރަށް ދެއްކުމަކީ ވަރަށް ޑިމާންޑުބޮޑު ކަމެއް ކަމަށާއި މި ޚިދުމަތް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާކުރަމުން ގެންދާނެ ކަމަށެވެ. އެގޮތުން ލޮލުގެ އޮޕަރޭޝަން ވެސް ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ބޭނުންވާ ބައެއް ޓޫލްސް ތައް އަދިނުލިބޭ. ހެލްތު މިނިސްޓްރީން އެތަކެތި ހޯދުމަށް ޕްރޮކިއުމެންޓުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ. ކުރިން ވެސް އެކަން ކުރެއްވި. އެކަމަކު އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އަލުން އެ ގެންދަވަނީ އެކަން ކުރައްވަމުން." އާދަމް ނަސީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލޮލުގެ ބަލިތަކަށް ފަރުވާ ދެވޭނެ ޑޮކްޓަރުންގެ ޓީމެއް އެބައޮތް ކަމަށާއި މިވަގުތަށް މަދުވަނީ އެކަމަށް ބޭނުންވާ އާލާތްތައް ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އައުޓްރީޗް ޕްރޮގްރާމެއް މި މޭ މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށާއި ފުރަތަމަ ދާނީ އިހަވަންދޫއަށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!