ޕީޕީއެމް ވުޖޫދުން ފޮހެލުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ މިސްރާބު ހުރީ އަނދިރި ދިމާއަކަށް ކަމަށާއި އެ ގޮތުގައި ކުރިއަށްދާނަމަ ޕާޓީ ވުޖޫދުން ފޮހެވުމުގެ ފުރުސަތު ވެސް ބޮޑުކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވުމުން އެއަށް ރައްދުދެއްވައެވެ.

Ad
rt

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި ޚިޔާލުތަފާތުވުން އުފެދި، ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ފައްޓަވާފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވާ މައުރޫފް ވިދާޅުވެފައިވަނީ އެމްޑީޕީ ބައިބައިވެގެން ހިނގައިދާނެކަމަށް އުއްމީދު ނުކުރައްވާ ކަމަށާއި އެކަމަކު މިއީ ސިޔާސީ ހަގީގަތްކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ ތަބީއަތް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖެގައި އުފެދުނު ސިޔާސީ ޕާޓީތައް ބައިބައިވެގެން ދިޔަ ގޮތަށް އަލިއަޅުވައިލައްވައި، މައުރޫފް ވިދާޅުވީ އެހެން އެދިމާވަނީ ރާއްޖޭގެ ރައީސްކަމުގެ މަގާމު ބޭނުންވެގެން، ނުވަތަ މަޖިލިސް މެމްބަރަކަން ހޯދުން ނުވަަތަ މިނިސްޓަރުކަން ހޯދުމަށް ކަމަށް ވެދާނެ ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ކުރީގެ ރައީސް މައުމޫން އުފައްދައިގެން އުޅުއްވި ޑީއާރްޕީ އާއި ޕީޕީއެމް ޕީޕީއެމް ވެސް ބައިބައިވެގެން ދިޔަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ހަމަމިއާއެކު ޕީޕީއެމްގެ މިސްރާބު ހުރީ އަނދިރި ދިމާއަކަށް ކަމަށާއި އެގޮތުގައި ކުރިއަށްދާނަމަ އެ ޕާޓީ ވުޖޫދުން ފޮހެވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް މައުރޫފު ވިދާޅުވެފައި ވެއެވެ.

މައުރޫފްގެ މި ވާހަކަތަކަށް ރައްދުދެއްވައި ސަލީމް ވިދާޅުވީ އެކަން ކުރުމަށް މަސައްކަތް ކުރާނަމަ އެކަން ކުރަނީ މޮޔަ ބައެއް ކަމަށެވެ. އަދި ވުޖޫދުން ފޮހެވޭނަމަ ފޮހެވިގެންދާނީ އެކަމަށް މަސައްކަތް ކުރާ ގަމާރުން ކަމަށެވެ.

އެމްޑީޕީއާއެކު ކޯލިޝަންގައި އޮތް އެމްޑީއޭ އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއާއިއެކު ކޯލިޝަން ހަދައިގެން އެކީގައި ގިނަ މަސައްކަތްތަކެއް ކުރި ޕާޓީއެކެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާއިރު، އެމްޑީއޭގެ އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒު ކުރަމުން ދަނީ ވެސް ކުރީގެ ކޯލިޝަން ބައިވެރިއާ ޕީޕީއެމްއަށެވެ.