އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި އެސްޓަންވިލާ ބައްދަލުކުރި މެޗުން ވިލާ މޮޅުވާން ދަނިކޮށް، ލިވަޕޫލުން ފަހު ވަގުތު ލަނޑުޖަހައި ނަތީޖާ އެއްވަރުކޮށް ގަދަ ހަތަރެއްގައި ނިންމުމަށް އެ ޓީމުން ކުރަމުން އަންނަ އުންމީދު ދަމަހައްޓައިފިއެވެ.

މިރޭ ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

މިވަގުތު ލިވަޕޫލް އޮތީ ޕޮއިންޓް ތާވަލުގެ ފަސްވަނާގައެވެ. އެ ޓީމަށް 37 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ ހަތަރުވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 36 މެޗުން ލިބިފައި ވަނީ 69 ޕޮއިންޓެވެ. ތިންވަނާގައި އޮތް ނިއުކާސަލް އަށް ވެސް 36 މެޗުން 69 ޕޮއިންޓް ވަނީ ލިބިފައެވެ.

ލީގުގައި ލިވަޕޫލަށް ބާކީ އޮތީ އެންމެ މެޗެކެވެ. ނަމަވެސް ޔުނައިޓެޑާއި ނިއުކާސަލްއަށް ދެ މެޗު އޮތްއިރު އެ ދެ ޓީމަށް ގަދަ ހަތަރެއް ޔަގީން ކުރަން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

މި މެޗުގެ 20 ވަނަ މިނެޓުގައި އެސްޓަން ވިލާއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ލިވަޕޫލްގެ އޭރިއާތެރެއިން އިބްރާހީމް ކޮނާޓޭ ވިލާގެ ވަޓްކިންސްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ، ވަޓްކިންސް ފޮނުވާލިއިރު އެ ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ވިލާއިންނެވެ. މި ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޖަކޮބް ރަމްސޭއެވެ. މިއީ އޭނާ މި ސީޒަންފައި ލީގުގައި ވިލާއަށް ކާމިޔާބު ކޮށްދިން ހަވަނަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ޓީމް ކުރިއަށް ޖައްސައި ލަނޑުޖަހަން ވަރަށް ބުރަކޮށް ވަނީ މަސައްކަތް ކޮށްފައެވެ. މިގޮތުން 56 ވަނަ މިނެޓުގައި ގަކްޕޯ ވަނީ ލިވަޕޫލަށް ލަނޑެއް ޖަހައިދީފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

މެޗުގެ ނަތީޖާ ލިވަޕޫލުން ހަމަހަމަ ކުރީ 89 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފިރްމީނޯއެވެ. މިއީ މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ފިރްމީނޯ އެންފީލްޑްގައި ކުޅުނު ފަހު މެޗެވެ.

މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު އެސްޓަން ވިލާ މިވަގުތު އޮތީ ތާވަލުގެ ހަތްވަނާގައެވެ. އެ ޓީމަށް 37 މެޗުން ލިބިފައި ވަނީ 58 ޕޮއިންޓެވެ.

ލީގުގައި ލިވަޕޫލުން ޓޮޓެންހަމް އަތުން މޮޅުވި މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް، އެ މެޗުގެ ރެފްރީ ޕޯލް ޓިއާނީއާ ބެހޭގޮތުން ދެއްކި ވާހަކައިގެ މައްސަލަ ބަލައި، އޭނާ ދެ މެޗަށް ސަސްޕެންޑް ކުރުމުގެ މިރޭ މެޗުގައި ލިވަޕޫލް ބެންޗުގައި ކްލޮޕް ނެތެވެ.