ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ޕްރޮގްރާމްތައް ހިންގުމަށް ތައްޔާރު ކުރެވިފައިވާ ޚާއްސަ ކްލާސްރޫމް ތަކާއި އިމާރާތް ނެތުންކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތްކުރައްވަމުންދާކަމަށް ހޯމް މިނިސްޓަރު ސައިޚް އިިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅުނު އޮފިސަރުންނަށް ހިންގި ''ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ'' ޕްރޮގްރާމް ގެ 9 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ދެއްކެވި ވާހަކާގައެވެ.
މިނިސްޓަރުގެ ވާހަކާގައި ވަނީ ޖަލުތަކުގެ އުމްރާނީ ހާލަތްތައް އަދިވެސް ރަނގަޅުކުރަންޖެހޭ މިންވަރު ބޮޑުވެ ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ވޭތުވެ ދިޔަ ދުވަސްތަކުގައި ގާތްގަނޑަކަށް 230 ޖާގަ އިތުރުކޮށްފައިވާކަމަށާއި އިތުރު 180 ވަރަކަށް ޖާގަ ކުރިއަށްއޮތް ދެތިން މަސް ތެރޭ ތައްޔާރުވުމުން ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބި، އޮފިސަރުންގެ މަސައްކަތަށް ލުއި ކަމެއް ލިބިގެމްދާމެކަށް ވިދާޅުވެފައެވެ.
ރިހެބިލިޓޭޝަނަށް އިސްކަންދޭ މިންވަރާއި އެކަން ކުރުމުގައި ހުރި ގޮންޖެހުންތަކަށް ރިއާޔަތްކުރައްވަމުން މިނިސްޓަރު އިމްރާން ފާހަގަކުރެއްވި ގޮތުގައި، ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ޕްރޮގްރާމްތައް ހިންގުމަށް ތައްޔާރު ކުރެވިފައިވާ ޚާއްސަ ކްލާސްރޫމް ތަކާއި އިމާރާތް ނެތުމެވެ. އެކަން ހައްލުކުރުމަށް މަސައްކަތްކުރައްވަމުންދާކަމަށް ވެސް ވިދާޅުވިއެވެ.
ޖަލަށް ގެންނަ މީހުން ބަންދުކޮށްފައި ބޭތިއްބުމުގެ އިތުރުން، ޒިންމާއަކަށް ވާންޖެހޭނީ ލިބުނު ތަމްރީނުގެ ޢަލީގައި އެމީހުންނާއެކު ރަނގަޅަށް މުޢާމަލާތްކޮށް، އެމީހުން އިސްލާހުކޮށް އަނބުރާ ޖަލަށް ނާންނާނޭ ފަދަ ރަނގަޅު އަފުރާދެއްގެ ގޮތުގައި މުޖްތަމަޢަށް ނެރުންކަމުއި މިނިސްޓަރުގެ ރޭގެ ވާހަކާގައި ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކާގައި ވަނީ ވޭތުވެދިޔަ 50 އަހަރު އެކި ނަންނަމުގައި ޖަލު ބެލެހެއްޓުމުގެ ޚިތްމަތް އޮތްނަމަވެސް، ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ޖަލުގެ އާބާދީއާ އެކަށޭނެ އޮފިސަރުންގެ އަދަދުގެ 30 %، ގާތްގަނޑަކަށް 300 އޮފިސަރުން ރެކްރޫޓްކޮށް، ތަމްރީންދީފައިވާ ކަމަށް ވިދާޅުވެފައެވެ.
31 ޖެނުވަރީ 2023 ގައި ފެށި ''ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ'' ޓްރޭނިންގ އަކީ 03 މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ޓްރޭނިންގއެކެވެ. 53 ޓްރޭނީއިންނާއެކު މި ޓްރޭނިންގ ޕްރޮގްރާމް ފަށާފައިވާއިރު، އޭގެ ތެރެއިން 51 ޓްރޭނީން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!