ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މުއިއްޒުގެ މައްޗަށް ދައުވާ ދައުލަތުން ކުރީ ނޫމަޑި ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ނެދަލެންޑްސްގެ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް 2019 ވަނަ އަހަރު ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުން ދެންމެ ކުރި ހުކުމުގައިވަނީ މުއިއްޒު ދެއްވި ބަޔާން ކަމަށް ބުނެ ދައުލަތުން ކޯޓަށް ހުށަހެޅި ބަޔާނަކީ ހަގީގަތުައި ވެސް މުއިއްޒު ދެއްވި ބަޔާނެއް ކަން ކަށަވަރު ކުރަން ދައުލަތުން މަސައްކަތް ކޮށްފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި އެ ބަޔާނުގައި އޮތް ސޮޔަކީ މުއިއްޒުގެ ސޮޔެއް ކަން ކަށަވަރު ކުރަން މަސައްކަތް ކޮށްފައިވާ ކަން އެނގެން ނެތް ކަމަށާއި އެހެންވެ، އެއީ އޭނާ ދެއްވި ބަޔާނެއް ކަމާ ޝައްކު އުފެދޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ސޮފްވަތު ހަބީބް ވިދާޅުވި ގޮތުގައި އާބިޓްރޭޝަނަށް މުއިއްޒު ބަޔާނެއް ދެއްވިކަމާ މެދު ސުވާލު އުފެދިފައިވާތީ ކުށުގެ ރުކުންތައް ފުރިހަމައެއް ނުވެ އެވެ. އެހެންވެ، އެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ސާބިތުނުވާ ކަމަށް ހުކުމް ކުރެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
ނޫމަޑިން ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 55 މިލިއަން ޑޮލަރު ދޭން ނިންމައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!