ޔުއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށް މުބާރާތުގެ ފައިނަލުން މެންޗެސްޓާ ސިޓީ ޖާގަ ހޯދައިފިއެވެ.

މި ދެ ޓީމް ބައްދަލުކުރި ސެމީ ފައިނަލުގެ ފުރަތަމަ މެޗު ފާއިތުވި ހަފްތާގައި ރެއާލުގެ ދަނޑުގައި ކުޅެފައިވާއިރު، އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ރޭ ދެވަނަ ލެގު ސިޓީގެ ދަނޑުގައި ކުޅެފައިވާއިރު، ދެވަނަ ލެގުގެ މެޗުގައި ސިޓީން ވަނީ 4-0 ގެ ނަތީޖާއިން ރެއާލް ބަލިކޮށް 5-1 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައި މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.

Ad
rt

މިއީ ފާއިތުވި ތިން ސީޒަންގެ ތެރޭ ސިޓީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖާގަ ހޯދި ދެވަނަ ފަހަރެވެ. ގާޑިއޯލާގެ އިރުޝާދުގެ ދަށުން 2021 ވަނަ އަހަރު ސިޓީން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ. އެފަހަރު ސިޓީ ފައިނަލުގައި ބަލިވީ ޗެލްސީ އަތުންނެވެ. މިދިޔަ އަހަރު މުބާރާތުގެ ސެމީ ފައިނަލުގައި ވެސް ރެއާލާއި ސިޓީ ބައްދަލުކުރަން ޖެހުނުއިރު، މެޗުގެ އިތުރު ވަގުތު ރެއާލުން ޖެހި ލަނޑުތަކުން މޮޅުވެ ސިޓީ ކަޓުވާލައި އެ އަހަރު މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ރެއާލެވެ. ރެއާލުން ވަނީ މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

މިހާތަނަށް ސިޓީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިނުވާއިރު، ފައިނަލް މެޗުގައި އަންނަ މަހު 10 ވަނަ ދުވަހުގެ ރޭ ސިޓީ ނުކުންނާނީ އިޓަލީގެ އިންޓަ މިލާނާއި ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ ތުރުކީގެ އިސްތަންބޫލުގައެވެ.

ރޭ ސިޓީގެ ދަނޑުގައި ރެއާލާއި ދެކޮޅަށް ސިޓީން ވަނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ކޮންމެ ހާފެއްގައި ސިޓީން ވަނީ ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ހާފުގައި ސިޓީއަށް ދެ ލަނޑު ވެސް ޖަހައިދިނީ ބާނާޑޯ ސިލްވާއެވެ. މެޗުގެ ތިންވަނަ ލަނޑަކީ ރެއާލްގެ ޑިފެންޑަރ މިލިއާޓޯގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ސިޓީގެ ހަތަރުވަނަ ލަނޑު 90 ވަނަ މިނެޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލްވަރޭޒްއެވެ.

މީގެ އިތުރުން ވެސް ސިޓީން ވަނީ މެޗުގައި ނުރައްކާތެރި އެތައް ހަމަލާއެއް ފޮނުވާލާފައެވެ. ސިޓީގެ ގިނަ ހަމަލާތަކެއް ހުއްޓުވުމުގައި ރެއާލްގެ ކީޕަރު ކޯޓުއާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ރޭ ސިޓީއާއި ދެކޮޅަށް ރެއާލަށް މާބޮޑު ކަމެއް ނުކުރެވުނެވެ. މިގޮތުން ލަނޑުޖަހާނެ މާ އެދެވޭ ފުރުޞަތެއް ވެސް ހޯދިފައިނުވެއެވެ.