އަހަރުތަކަކަށް ފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން އިޓަލީގެ އިންޓަ މިލާން ޖާގަ ހޯދައިފިއެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރޭ އިންޓަ މިލާނުން ވާދަވެރި އޭސީ މިލާނުގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. މި ދެ ޓީމް ފާއިތުވި ހަފްތާގައި ސެމީ ފައިނަލު ފުރަތަމަ ލެގުގައި ކުޅުނު މެޗު ވެސް 2-0 ގެ ނަތީޖާއިން ކާމިޔާބުކުރީ އިންޓައިންނެވެ. ވުމާއިއެކު އިންޓައަށް ފައިނަލުން ޖާގަ ލިބިފައި ވަނީ މިލާނުގެ މައްޗަށް 3-0 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
ޗެމްޕިއަންސް ލީގުގެ ތަށި ތިން ފަހަރު ކާމިޔާބު ކޮށްފައިވާ އިންޓަ މިލާނުން އެންމެ ފަހުން މުބާރާތުގެ ފައިނަލުގައި ކުޅެފައި ވަނީ މީގެ 13 އަހަރު ކުރިންނެވެ. އެއީ 2010 ވަނަ އަހަރު އިންޓަގެ ކޯޗަކަށް މޮރީނިއޯ ހުރިއިރުއެވެ. އެ އަހަރު މުބާރާތުގެ ފައިނަލުގައި ކުޅެ އިންޓަ ވަނީ ޗެމްޕިއަންކަން ވެސް ހޯދާފައެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަ ބައްދަލުކުރަން ޖެހޭނީ މިރޭ މެންޗެސްޓާ ސިޓީއާއި ރެއާލް މެޑްރިޑް ބައްދަލުކުރާ ސެމީ ފައިނަލު މެޗުން މޮޅުވާ ޓީމަކާއެވެ. މި ދެ ޓީމް ރެއާލުގެ ދަނޑުގައި ފުރަތަމަ ލެގު ކުޅެފައިވާއިރު އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މިރޭ ދެވަނަ ލެގުގެ މެޗު ސިޓީ ދަނޑުގައި ކުޅޭއިރު ފައިނަލަށް ދިއުމުގެ ހަމަހަމަ ފުރުޞަތެއް ދެ ޓީމަށް ވެސް އެބައޮތެވެ.
ރޭ މެޗަށް މިލާނުން ނުކުތްއިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމްގެ އެޓޭކްގައި މި ސީޒަންގައި މޮޅުކުޅުމެއް ދައްކަމުން އައި ރަފައެލް ލެއާއޯއަށް ކުޅެވުމެވެ. ފައިގެ ފަލަމަސް ގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ފުރަތަމަ ލެގުގައި އޭނާއަށް ކުޅެވޭގޮތް ވަނީ ނުވެފައެވެ.
މި މެޗުގައި އިންޓަ އިން ޖެހި ހަމައެކަނި ލަނޑު ޖެހީ މެޗުގެ 71 ވަނަ މިނިޓްގައި ލަޓާރޯ މާޓީނޭޒް އެވެ. މާޓިނޭޒް މި ލަނޑު ޖަހާފައި ވަނީ ލުކާކޫ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. މި މެޗުގައި ވެސް މިލާނަށް އިންޓަގެ ޑިފެންސް ފޫއަޅުވާލައި ލަނޑެއް ކާމިޔާބު ކުރެވޭގޮތް ވަނީ ނުވެފައެވެ.
މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ރެއެވެ. ފައިނަލް މެޗު ކުޅޭނީ ތުރުކީގެ އިސްތަންބޫލުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!