ހދ. ނޮޅިވަރަމްގައި ބާއްވާ ޕަބްލިކް ސްޕީކިން ވޯކްޝޮޕްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މި ވޯކްޝޮޕާއިގުޅޭގޮތުން ނޮޅިވަރަމް ބްރައިޓް އެސޯސިއޭޝަން ނައިބު ރައީސް ހަސަން ރަޝީދު ''ތިލަދުން'' އަށް ވިދާޅުވީ، މި ވޯކްޝޮޕަކީ ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ''ވެށި- ބާރު'' ގެ ނަމުގައި ކުރިއަށް ގެންދާ ކޮމިޔުނިޓީ ޕްރޮގްރާމް ގެ ދަށުން އެރަށުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ.
ނޮޅިވަރަމްގައި މި ވޯކްޝޮޕް ހިންގަނީ އެރަށު ބްރައިޓް އެސޯސިއޭޝަން އާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓް އަދި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގުޅިގެންނެވެ.
ހަސަން ރަޝީދު ވިދާޅުވިގޮތުގައި މި ވޯކްޝޮޕް އެރަށުގައި ހިންގަން ނިންމާފައި ވަނީ މިމަހުގެ 18 އިން 20 އަށެވެ. އަދި މި ވޯކްޝޮޕަކީ ޕްރޮފެޝަނަލް ގިންތީގައި މަސައްކަތް ކުރާފަރާތްތަކާއި، އޮފީސްތަކުގެ ވެރިންނާއި، އުގަންނައި ދިނުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކުރެވިގެން، ކުރިއަށްގެންދާ ވޯކްޝޮޕެއްކަމަށް ވިދާޅުވިއެވެ. މިނޫންވެސް މުހިންމު މައުލޫމާތާއި ހުނަރު މި ވޯކްޝޮޕުން ދަސްވެގެން ދާނެކަމަށް ހަސަން ވިދާޅުވިއެވެ.
''މި ވޯކްޝޮޕްގައި ސްޕީޗް ގެ އޮނިގަނޑު އެކުލަވާލުމާއި، މީހުން ޝައުގުވެރިވާ ގޮތަށް، ހުށަހަޅައި ދިނުމާއި، އަސަރު ހުރި ވާހަކައެއް ދެއްކުމުގައި ސަމާލުކަންދޭންޖެހޭ ބައިތަކާއި، ބަޔަކާއި މުހާތަބު ކުރުމުގައި ހުންނަ ޖެހިލުންވުމުން އަރައިގަންނާނެ ގޮތްތައްފަދަ، ޕަބްލިކް ސްޕީކިންގ ގެ ދާއިރާއިން ކޮންމެހެން އެނގެންޖެހޭ މުހިންމު ބައިތަކާއި، އަމަލީގޮތުން ސްޕީޗް ދިނުމާއި، އަދި ރަނގަޅުކުރަންޖެހޭ ބައިތައް ބައިވެރިންނަށް އަންގައި ދިނުން ހިމެނިފައިވޭ'' ހަސަން ވިދާޅުވިއެވެ.
މި ވޯކްޝޮޕް ފެސިލިޓޭޓް ކޮށްދެއްވާނީ، ސްކީމްގެ ކޯފައުންޑަރ އަދި ސްޕީކަރ އެންޑް ޓްރެއިނަރ އެއްކަމަށްވާ އާމިނަތު ޢަލީއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތް އެކަމަށް ހާއްސަކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓަރީ ވެވޭނެއެވެ.
މި ވޯކްޝޮޕާގުޅޭ އިތުރު މައުލޫމާތު 7548078 ނަންބަރު ފޯނަށް ގުޅުމުން ލިބިގެންދާނެކަމަށް ނޮޅިވަރަމް ބްރައިޓް އެސޯސިއޭޝަން ނައިބު ރައީސް ހަސަން ވިދާޅުވިއެވެ.
ޔޫތް މިނިސްޓްރީއާއި ސްކީމް ޖަމިއްޔާ ގުޅިގެން ''ވެށި- ބާރު'' ގެ ނަމުގައި ކުރިއަށް ގެންދާ ޙަރަކާތުގައި ރާއްޖޭގެ 20 އަތޮޅެއްގައި 41 ޕްރޮގްރާމު ކުރިއަށް ގެންދާނެކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.
ވެށި- ބާރު ޕްރޮގްރާމުގެ ދަށުން ޒުވާނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި އަންހެނުންނާއި އަދި ސްކޫލް ކުދިންގެ އިތުރުން ކޮމިޔުނިޓީ ލީޑަރުންނާއި ސީއެސްއޯސް ތަކާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ތަފާތު އެކިކަހަލަ ކޮމިޔުނިޓީ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!