ފުރިހަމަ ސިއްހީ ޚިދުމަތެއް ފޯރުކޮށްދެވޭނީ ހުރިހައި މުވައްސަސާ ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް ސިއްހަތާއި ބެހޭ ވަޒީރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކުވައިތު ފަންޑުގެ ދަށުން ރާއްޖޭގައި ބައެއް ރަށްރަށުގައި ތަރައްޤީކުރައްވާ ހޮސްޕިޓަލްތަކެއްގެ މަސައްކަތް ބަޔަކާއި ހަވާލުކުރެއްވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ވަޒީރު ވަނީ ފުރިހަމަ ސިއްޙީ ޚިދުމަތެއް ފޯރުކޮށް ދިނުމަކީ ހަމައެކަނި ހެލްތު މިނިސްޓްރީ އާއި އެމިނިސްޓްރީގެ ދަށުން ހިންގަވާ އިދާރާތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ހުރިހައި މުވައްސަސާއަކުން ގުޅިގެން މަސައްކަތްކުރައްވާނަމަ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ހަރުދަނާ ސިއްހީ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ހަރުދަނާ ދަތުރުފަތުރުގެ ޚިދުމަތަކީ ވެސް ސިއްޙީ ނިޒާމު ފުރިހަމަކުރުމަށް ރާއްޖެ ފަދަ ޤައުމަކަށް ކޮންމެހެން ބޭނުންތެރިކަމެއްކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
"ކުއްލި ފަރުވާގެ ހާލަތުގައި ޚިދުމަތް ވީއެންމެ އަވަހަކަށް ފޯރުކޮށްދެއްވުމަށް އެއަރޕޯޓުތައް ތަރައްޤީކުރަމުން ދަނީ ސަރުކާރުގެ ފުރިހަމަ ޕްލޭނެއްގެ ދަށުން. ސިއްޙީ ޚިދުމަތަކީ ހަމައެކަނި ސިއްޙީ ދާއިރާއިން ކުރާ މަސައްކަތަކުން ދެވޭނެ ޚިދުމަތެއް ނޫން. ދަތުރުފަތުގެ ތެރެއިން ފެރީގެ ޚިދުމަތުން ގުޅާލާ، އެއަރޕޯޓުތައް ތަރައްޤީކުރެވިގެން ޚިދުމަތް ރަނގަޅު ނިޒާމަކުން ދެވޭނެ މަގުފަހިވަނީ. ސަރުކާރުން މިހާރު އެގެންދަވަނީ އެމަގުން މަސައްކަތް ކުރައްވަމުން." ނަސީމް ވިދާޅުވިއެވެ.
ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރެއްވުމުގެ މައިގަނޑު މަގުސަދާއި ގުޅޭގޮތުން ވަޒީރު ވިދާޅުވީ އޭގެ ބޭނުމަކީ ޒަމާނުއްސުރެ ސިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާ ރަށްރަށުން އެ ހިދުމަތް ފޯރުކޮށްދެއްވުން ކަމަށެވެ.
އަތޮޅުތެރޭގައި 5 ދާއިރާއަކަށް ޚާއްސަ ޓާޝަރީ ހޮސްޕިޓަލް ތަރައްގީކުރެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާއިރު، ރަށްރަށުގައި ހުރި ސިއްޙީ ފަރުވާ ދޭ ތަންތަނުގެ ފެންވަރު މަތިކޮށް، އެތަންތަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދީ، އިތުރު ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސެއްވުމުގެ މަސައްކަތް ވެސް ގެންދަވަނީ ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!