މުޖުތަމަޢުގައި ފުނިޖެހިފައިވާ އާއިލީ މައްސަލަތަކަށް، ނަސޭހަތެއް!

Black and White Browser Blog Article Promotion Twitter Post

އެންމެ ފަސް ލައްކައެއްހާ މީހުން ދިރިއުޅެމުން އަންނަ މި ކުޑަކުޑަ ދިވެހިރާއްޖޭގައި، ވަރިކައިވެނީގެ ހިސާބުކިތާބަށް ބަލައިލުމުން މުޖުތަމަޢުގައި އާއިލީ މައްސަލަތައް އޮންނާނެ މިންވަރު ކޮންމެވެސް ވަރަކަށް ހިތަށް ގެންނަން ފަސޭހަވާނެއެވެ.

ރާއްޖެއަކީ ކުޑަކުޑަ ޤައުމަކަށްވެފައި ކިތަންމެ މަދު އާބާދީއެއް އޮތް ނަމަވެސް ވަރީގެ ލިސްޓްގައި ރާއްޖެ އެއްވަނަ ދަމަހައްޓަމުން އަންނަތާ ހަތްވަރަކަށް އަހަރަށް ވުރެ ވެސް ގިނަވެދާނެއެވެ. މިއަދު ވެސް ވަރިކުރުމުގެ "ފަޚުރުވެރި" އެއްވަނާގައި އޮތީ ހަމަ މި ރާއްޖެއެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖޭގެ ފެމެލީ ކޯޓުން އާންމު ކޮށްފައިވާ ވަރިކައިވެނީގެ ހިސާބުކިތާބަށް ބަލައިލާއިރު، ޖަނަވަރީ މަހު 195 ކައިވެނި ކޮށްފައިވެއެވެ. އަދި 127 ވަރި ކޮށްފައިވެއެވެ. ފެބްރުއަރީ މަހު 178 ކައިވެނި ކޮށްފައިވާއިރު 98 ވަރި ކޮށްފައިވެ އެވެ. އަދި މާޗް މަހު 245 ކައިވެނި ކޮށްފައިވާއިރު 115 ވަރި ކޮށްފައިވެއެވެ. ޖުމްލަ 618 ކައިވެނި މި އަހަރުގެ ފުރަތަމަ ތިން މަހު ކުރިއިރު އެ މުއްދަތުގައި 340 ވަރި ކޮށްފައިވެއެވެ.

"ވަރި" މި ލަފުޒުގެ ސަބަބުން މޮހިގެންދާ ގޮށްތަކާއިއެކު އެތައް ކުދިންނެއް ބައްޕަ ނުވަތަ މަންމަގެ ލޯބިން މަހުރޫމް ވެގެންދެއެވެ. ދަރިންނަށް ބައްޕައިން ޚަރަދު ނުދޭ މައްސަލައާއި، ހަރަދު ދިންނަމަވެސް ދަރިފުޅު ލޮލަށް ނުފެންނަ އެތައް ބައްޕައިންގެ ޝަކުވާއިން މުޖުތަމަޢު ވަނީ ކިލަނބުވެފައެވެ.

އެތައް އާއިލީ މައްސަލަތަކަކުން މި މިޖުތަމަޢު ފުރިބާރުވެފައިވާއިރު، މި އަހަރުގެ ބައިނަލް އަޤުވާމީ އާއިލަތަކުގެ ދުވަހާއި ގުޅިގެން ދިވެހިރާއްޖޭގެ ފެމިލީ ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛް އިބްރާހީމް މާހިރު ވަނީ މުޖުތަމައުގައި ވަރި ގިނަވާ ސަބަބާއި އާއިލީ މައްސަލަތައް އުފަންވާ ސަބަބުތަކާއި އެކަންކަމަށް ހައްލު ގެންނާނެ ގޮތުގެ މުހިންމު މަޢުލޫމާތު ހިމެނޭ މެސެޖެއް ދޫކޮށްލައްވާފައެވެ.

ޤާޟީގެ މެސެޖްގައި ވިދާޅުވެފައި ވަނީ ފެމެލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލައިލާއިރު، އާއިލާ މައްސަލަތައް އުފަންވުމާއި އާއިލާ ރޫޅެން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ އުފާވެރި ޒަވާޖީ ހަޔާތައް ތައްޔާރުނުވެ ކައިވެނިކުރުން ކަމަށާއި، ކައިވެނި ޕާޓީގެ ކަންކަމާއި މަޝްވަރާ ކުރެވޭ ވަރަށްވެސް ދިރިއުޅޭނެތަނާއި، ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމާއި، ޒިންމާތައް ބަހާލުމާއި، އާއިލީ ދިރިއުޅުން ބައްޓަން ކުރުމަށް ބޭނުންވާ ގޮތާއި، ސިއްހީ މައްސަލައެއް ހުރިނަމަ އެކަމުގައި އަމަލުކުރާނެ ގޮތްފަދަ ދެމަފިރިންނާއި ސީދާ ގުޅުންހުރި، މުހިންމު ކަންކަމާއި މަޝްވަރާކުރެވި އެކަށީގެންވާ ގޮތެއްގައި ތައްޔާރު ވެވިފައި ނެތުންކަމަށެވެ.

ދެމަފިރިންގެ ދެމެދު މައްސަލަ ޖެހުމުން ދަރިންނާއި މެދު ނުވިސްނައި، މައްސަލަ ހައްލުކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި އެ ކައިވެންޏެއް ރޫޅާލަން ބައެއްފަހަރު އާއިލާތެރެއިންނާއި ރައްޓެހިން ވެސް ލަފާދޭކަން ޤާޟީ ވަނީ ފާހަގަ ކުރައްވާފައެވެ.

ޤާޟީ އިތުރަށް ވިދާޅުވެފައި ވަނީ ގެވެށި އަނިޔާގެ މައްސަލަތަކަށް އެންމެ ގިނައިން ހުށަހެޅެނީ ދެމަފިރިން ނުވަތަ ވަރިވެފައިވާ މީހުންގެ މައްސަލަތައް ކަމަށާއި، ދަރިންގެ ފަރާތުން މައިންބަފައިންނަށް ގެވެށިއަނިޔާ ލިބެމުންދާތީ ރައްކާތެރިކަމަށް އެދި ހުށަހެޅޭ މައްސަލަތައް ވެސް މި ފަހަކަށް އައިސް އިތުރުވަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ބައެއް އާއިލާތަކުގައި ދަރިންގެ ފަރާތުން މައިން ބަފައިނަށް ލިބޭ އަނިޔާތަކާއި އެ މައިން ބަފައިންގެ ހިތުގައި އަޅަމުންދާ ވޭން ކޯޓުގައި އެ މައިނބަފައިން އަޅާ ކަރުނައިން ފާޅުވާކަން ޤާޟީ ވަނީ ފާހަގަ ކުރައްވާފައެވެ.

ދަރިންގެ ހަރަދު ހޯދައިދިނުމަށް އެދި އެ ކުދިންގެ މަންމައިން ރޯމަންޒަރާއި، ދަރިންނާއި ބައްދަލުވާނެ ގޮތެއް ހަމަޖައްސައި ދިނުމަށް އެދި ކުދިންގެ ބައްޕައިން އާދޭސްކުރާ މަންޒަރަކީ ކޯޓުން ފެންނަ ހިތްދަތި މަންޒަރެއްކަން ފާހަގަ ކުރައްވައި ޤާޟީ ވިދާޅުވެފައި ވަނީ  ކަވެނި ރޫޅުމަށްފަހު ވެސް ދަރިން މަންމަ/ބައްޕައާއި ބައްދަލުކުރުމުގެ ފުރުޞަތު ދިނުމަކީ ދަރިންގެ ހައްޤެއް ކަމަށެވެ. އެ ހައްޤުން ދަރިން މަހްރޫމް ނުކުރުމަށް ޤާޟީ ވަނީ ނަސޭހަތްތެރިވެލައްވާފައެވެ.

އެހެން މީހުންގެ ދިރިއުޅުމުގެ ފެންވަރާއި ތިމާމެންގެ ދިރިއުޅުން އަޅައިކިޔައި މާއްދިއްޔަތުގެ ވާދަވެރިކަމުގައި ނޫޅުމަށާއި ދެމަފިރިން އެކަކު އަނެއްކަކަށާއި ދަރިންނަށް ހެޔޮދުޢާކުރާށާއި އިހުތިރާމްކޮށް އެކަކުއަނެކަކު ދެކެލޯބިވުމަށް ޤާޟީ ވަނީ ނަސޭހަތްތެރިވެލައްވާފައެވެ.

ޤާޟީ އިތުރަށް ވިދާޅުވެފައި ވަނީ ދެމަފިރިން ރުޅިއިސްކުރުމުން ދުރުހެލިވެ އެކުގައި ގިނަވަގުތު ހޭދަކުރުމަށާއި ކުދިންގެ ވާހަކަތައް އަހާނެ މައިންބަފައިން ނުރުހޭ ބަޔަކު ގެއިން ބޭރުން ހޯދުމުގެ ކުރިން ދަރިންގެ ވާހަކަތައް ކަނުލައި އެހުމަށާއި އާއިލީ ވަގުތުތައް ޚަރާބުކުރާ އެއްޗަކަށް މޮބައިލް ފޯނު ހެދުމުން ދުރުހެލިވާން ޖެހޭކަމަށެވެ.

މީގެއިތުރުން އުފާވެރި އާއިލީ ވެއްޓެއް ހޯދުމަށްޓަކައި އިލާހީ އަމުރުތަކަށް ދެމަފިރިން ވެސް ތަބާވެ، އާއިލާގެ ކެއިންބުއިމާއި ބޯހިޔާވަހިކަމާއި އުނުފޭރާމާއި ތައުލީމަށް ހަރަދުކުރުމަށް ހަލާލު ގޮތުގައި ފައިސާ ހޯދުމަށް ޤާޟީ ވަނީ ނަސޭހަތެރިވެފައެވެ.

މި މެސެޖުގައިވާކަންކަމަށް ވިސްނާލުމުން އެއީ، އާދައިގެ ކުދި ކަންތައްތަކެއްގެ ގޮތުގައި ހީވެދާނެއެވެ. ނަމަވެސް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުން ދައްކާ ވާހަކަރަކަށް ބަލާއިރު، ޢާއިލާގެ އުފާވެރިކަމަށްޓަކައި އެއީ އިސްކަންދޭންޖެހޭ ބޮޑެތި ކަންތައްތަކެއްކަން އިނގޭކަމަށް ޤާޟީ ގެ މެސެޖު ނިންމާލަމުން ވިދާޅުވެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *