އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ގަދަހަތަރެއްގެ އުންމީދު ޔުނައިޓެޑުން ބޮޑުކޮށްފިއެވެ.
މިރޭ މެންޗެސްޓާގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މި މެޗު، ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މި މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މާޝިއަލްއެވެ. ބްރޫނޯ ފެނާންޑޭޒް ވުލްވްސްގެ އޭރިއާތެރެއިން ހުސްކޮށްލާފައި އެންތަނީއަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ މެދުގައި ހުހަސްހުރި މާޝިއަލްއަށް ކުޅެލާފައެވެ. މާޝިއަލް ވަނީ އެ ބޯޅަ ފަސޭހަކަމާއިއެކު ވުލްވްސްގެ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
މި މެޗުގައި ޔުނައިޓެޑަށް ދެވަނަ ލަނޑު ޖަހައިދިނީ އަނިޔާގެ ސަބަބުން ދެ މަސްދުވަހު ކުޅުމާއި ދުރުގައި ހުރުމަށް ފަހު މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގަނާޗޯއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭ ޔުނައިޓެޑުން އުފެއްދި ކައުންޓަ އެޓޭކެއްގައި ބްރޫނޯ ފެނާންޑޭޒް ދިން ބޯޅަ ހިފައިގެން ވުލްވްސްގެ އޭރިއާތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ވުލްވްސްގެ ގޯލަސް ވަނީ ދަނޑީގައި ވެސް ޖެހިފައެވެ.
ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ނިއުކާސަލް ވަނީ މިރޭ ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާއި 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ޔުނައިޓެޑް މޮޅުވެ ނިއުކާސަލް އެއްވަރުވުމުން މި ދެ ޓީމް ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ.
ނިއުކާސަލް ތިންވަނާގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ތިންވަނާގައި އޮތް ނިއުކާސަލަށް 35 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނާގައި އޮތް ޔުނައިޓެޑަށް ވެސް ވަނީ މި އަދަދަށް ޕޮއިންޓް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!