ރާއްޖޭގެ އިންޓަރނޭޝަނަލް ރިޒާވް އާއި ވަގުތުން ވަގުތަށް ބޭނުން ކުރަން ހުންނަ ރިޒާވް ގިނަ ދުވަސްތަކަކަށްފަހު ރަނގަޅުވާން ފަށައިފި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ޔޫޒަބަލް ރިޒާވް ނުވަތަ ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ރިޒާވް މިދިޔަ އޮކްޓޯބަރު މަސް ނިމުނު ހުރީ 225.7 މިލިއަން ޑޮލަރުގައެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 31.4 ޕަސެންޓް އިތުރު އަދެދެކެވެ.
މި އަހަރުގެ ކުރީކޮޅު ޔޫޒަބްލް ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު،. މިދިޔަ ޖެނުއަރީ މަހު ޔޫޒަބްލް ރިޒާވް 317.9 މިލިއަން ޑޮލަރަށް އިތުރުވުމަށް ފަހު ފެބްރުއަރީ މަހު ވަނީ 295.3 މިލިއަން ޑޮލަރަށް، މާޗު މަހު 251.8 މިލިއަން ޑޮލަރަށް، އޭޕްރީލް މަހު 250.2 މިލިއަން ޑޮލަރަށް އަދި މޭ މަހު 249.6 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. ޖޫން މަހު ޔޫޒަބްލް ރިޒާވް 276 މިލިއަން ޑޮލަރަށް އިތުރުވުމަށް ފަހު، ސެޕްޓެމްބަރު މަސް ނިމުނު އިރު ވަނީ 204.2 މިލިއަން ޑޮލަރަށް އަނެއްކާވެސް ވެއްޓިފަ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ގްރޮސް އިންޓަރނޭޝަނަލް ރިޒާވް ވެސް ވަނީ ރަނގަޅުވާން ފަށާފައެވެ. އެގޮތުން އޮކްޓޯބަރު މަސް ނިމުނުއިރު ރިޒާވްގައ607 މިލިއަން ޑޮލަރު ހުއްޓެވެ. މިއީ ކުރީއަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 12.9 ޕަސެންޓް ކުރިއެރުމެކެވެ.
އެމްއެމްއޭ އިން ބުނެފައިވާގޮތުގައި މާޗްމަހުގެ ރިޒާވް މާބޮޑަށް ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ރިޒާވް ބޭންކް އޮފް އިންޑިއާ އަށް ކަރެންސީ ސްވޮޕުގެ ގޮތުގައި ސަރުކާރުން އަނބުރާ ދައްކަންޖެހޭ100 މިލިއަން ޑޮލަރު ދެއްކުމުންނެވެ.
ރައީް އިބްރާހިމް ޞާލިހް، މި އަހަރުގެ ރިޔާސީ ބަޔާން އެއްވަމުން ވިދާޅުވީ، ވެރިކަމުގެ ދައުރު ނިމޭއިރު ދައުލަތުގެ ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!