ބަންޑާރަނައިބު އިބްރާޙީމް ރިފްއަތު މަގާމުން ވަކިކުރަން އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓުނަގަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދޭނެކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން، އެކަމުގައި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. މި އިއްތިހާދުން ދަނީ ބަންޑާރަނައިބު ރިއްފަތު މަގާމުން ދުރުކުރުމަށް އިތުބާރުގެ މައްސަލައެއް ކުރިއަށްގެންދަން މަސައްކަތް ކުރަމުންނެވެ.

Ad
rt

މިކަމާއިގުޅިގެން އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.

ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ކަނޑައެޅި ދިވެހިރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސްއިން ނިމިގެން ދިއުމަކީ ބަންޑާރަނައިބުގެ ޓީމުން ދިވެހި ދައުލަތުގެ ހައްގުގައި ކުރެއްވި އިހްލާސްތެރި އަދި ކާމިޔާބީ ހާސިލްވި މަސައްކަތެއްކަމަށް އެ ޕާޓީން ވަނީ ބުނެފައެެވެ. އަދި މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވެސް ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓަވައި ބަންޑާރަނައިބު މިހާތަނަށް އިސްކުރައްވާފައިވަނީ ގައުމީ މަސްލަހަތުކަމަށާއި، ބަންޑާރަނައިބުގެ މައްޗަށް އެމްޑީޕީގެ ފުރިހަމަ އިތުބާރު އޮތްކަން އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.

''ދިވެހިރާއްޖޭގެ މަސްލަހަތު ދިފާއުކޮށް ބަންޑާރަނައިބު އަދާކުރެއްވި ޒިންމާއާ މެދު ސުވާލު އުފައްދައި އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްއިރު, މަގާމުން ވަކިކުރުމުގެ ވޯޓު ހުށަހަޅަން އުޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި މި ޕާޓީން ދެކެމެވެ.'' އެމްޑީޕީން ބުނެފަވެއެވެ.

އެމްޑީޕީން ބުނީ އެ ކަމަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާވައިގެން ހިންގާ ހަރަކާތެއް ކަމަށެވެ. އަދި އެކަމުގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމަށާއި، އެ ޕާޓީގެ އަސާސީ ގަވާއިދާއި ޕާލިމަންޓްރީ ގްރޫޕްގެ ގަވާއިދާ ޚިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އަޅާނެކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީން ސިފަކޮށްފައިވާ ގޮތުގައި އެކަމަކީ ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މަދު ބަޔަކާއެކު ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާތަކާއި ހިންގި ހަރަކާތްތައް ފެއިލްވުމުން, ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ނަފްރަތު އުފައްދައި ގައުމުގެ ހަމަޖެހުން ނަގާލައި ބައިބައިކޮށް އަމިއްލަ ސިޔާސީ މަންފާ ހޯދަން ރޭވިގެން ހިންގާ ހަރަކާތެކެވެ.

''ގައުމީ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް އިޓްލޮސް އިން ނިންމި ގޮތުގެ ހަގީގަތް ހާމައަށް ދިވެހި ރައްޔިތުންނަށް ފެންނަން އޮއްވައި, ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުވިޔަ ނުދޭނެއެވެ.'' އެމްޑީޕީން ބުނެފަވެއެވެ.

އެމްޑީޕީން ބުނީ ނަގަން އުޅޭ އިތުބާރު ނެތް ކަމުގެ ވޯޓާ ދެކޮޅަށް, ބަންޑާރަނައިބު ރިފްއަތުއާ އެކުގައި ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕް ތިއްބެވި ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 68 މެންބަރުން ތިއްބަވައެވެ. އޭގެތެރޭގައި ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ 13 މެމްބަރުން އުނި ކުރި ނަމަވެސް ރައީސް ޞާލިޙާއެކު 55 މެންބަރުން އެބަތިއްބެވިއެވެ. އެހެންކަމުން ސަރުކާރުން ބޭނުންނުވާގޮތައް މަޖިލިސްއިން ކަމެއް ފާސްކުރުމަކީ ނާދިރުކަމެކެވެ.

މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ އަދަދަކީ 8 އެވެ. އެއީ ޕީޕީއެމްގެ 6 މެންބަރުންނާއި ޕީއެންސީގެ 2 މެންބަރުންނެވެ. ދެން ތިއްބަވަނީ އެމްއެންޕީގެ 3 މެންބަރުންނާއި، ޖޭޕީގެ 2 މެންބަރުންނާއި، އެމްޑީއޭގެ 2 މެންބަރުންނާއި އަމިއްލަ 3 މެންބަރުންނެވެ.