ހިޔާ ފްލެޓުތަކުގެ ކުލި ދައްކާ މުއްދަތަށް ލުޔެއް ގެނެސްދީ މިހާރު ދައްކަން ޖެހޭނީ މަހަކު 5300 ރުފިޔާ ކަމުގައި ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad
rt

ހައުންސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއް ސައްތާރާއި އާބަންކޯގެ އެމްޑީ އަހުމަދު އާތިބު ބައިވެރިވެވަޑައިގެންނެވި، މި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފަރާތްތަކުން ހާމަކުރައްވާފައި ގޮތުގައި މިއީ ހިޔާ ފްލެޓްގެ ކުލި ކުޑަވުމެއް ނޫނެވެ.

އެހެންނަމަވެސް ހިޔާ ފްލެޓުގެ ކުލި ދައްކާ މުއްދަތު އިތުރު ކުރުމުން ކުލި ދައްކާ ފަރާތްތަކަށް ލިޔެއް ލިބެނީ ކަމަށާއި މި ބަދަލު ގެނައީ އެތަންތަނުގައި ދިރިއުޅޭ މީހުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށް ވަނީ އެ ފަރާތްތަކުން ވިދާޅުވެފައެވެ.

"މިއީ ކެމްޕެއިނާ ގުޅުން ހުރި ބަދަލެއް ނޫން. ހިޔާ ފްލެޓްތަކަށް މީހުން ވަނީއްސުރެ ކުލީގެ ވާހަކަ ދައްކަމުން އައިސްފަނީ. އެކަމާ ގުޅިގެން ވަރަށް ގިނަފަހަރު ވަރަށް ގިނަ ޝަކުވާ ވަނީ ލިބިފަ. އެހެންވެ، އެކިފަރާތްތަކުގެ ޝަކުވާ އަޑުއެހުމަށް ފަހު ގެނައި ބަދަލެއް މީ." އަކްރަމް ވިދާޅުވިއެވެ.

ސަރުކާރުން، މި ގެނައި ބަދަލާއެކު ކުރިން ކަނޑައަޅާފައި އޮތް 25 އަހަރުގެ ތެރެއަށް 7 އަަހަރު އިތުރުވުމުން، ދެން ކުލި ދައްކާ ޚަލާސް ކުރަން ޖެހޭނީ 32 އަހަރުންނެވެ. އަދި އެމުއްދަތުގައި ކުލީގެ ގޮތުގައި 5300 ރުފިޔާ އާއި މެއިންޓަނަންސް ފީގެ ގޮތުގައި ދައްކަން ޖެހޭ 1000 ރުފިޔާ އާ އެކު ދައްކަން ޖެހޭ ޖުމްލަ އަކީ 6500 ރުފިޔާއެވެ.