މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި މޫސުމާ ގުޅުންހުރި މައުލޫމާތުތައް އާއްމުންނާ ހަމަޔަށް ގެނެސްދިނުމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޞަބްރާ އިބްރާހީމް ނޫރައްދީން ގޮވައިލައްވައިފިއެވެ.
ސަބްރާ މިފަދައިން ގޮވައިލެއްވީ 7 ވަނަ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަންގައި ކުރިޔަށްދިޔަ ޕެނަލެއްގައި ވާހަކަ ދައްކަވަމުން ނެވެ.
އޭނާ ވަނީ މޫސުމީ މައްސަލަތަކުގެ ސާފު މައުލޫމާތު ޢާއްމުންނާއި ހަމަޔަށް ގެނެސްދިނުމުގައި މީޑިއާގެ ދައުރު ބޮޑުކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ކޮޕް ނުވަތަ މިފަދަ އެހެން ސަމިޓްތައް ކުރިޔަށްދާއިރު، ޓެކްނިކަލް ވާހަކަތައް ޢާއްމުންނަށް ތިލަވާނެފަދަ ގޮތަކަށް ގެނެސްދިނުމަކީ ސަމާލުކަމެއް ދޭންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެި އިތުރުން މީޑިއާއިން އަދާކުރެވިދާނެ ދައުރާއި މީޑީއާއަށް ލިބިފައިވާ ފައިދާތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ވެސް ޞަބްރާ ވަނީ އެދިވަޑައިގެންފައެވެ.
މިއަހަރުގެ އޭބީޔޫ މީޑިއާ ސަމިޓް އޮން ކްލައިމެޓް އެކްޝަން އެންޑް ޑިޒާސްޓަރ ޕްރިވެންޝަންގައި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ރާވާފައިވާނީ "އަތޮޅުތަކުން އެންމެ އުސް ފަރުބަދަތަކާ ހަނަފަސް ބިންތަކަށް: މޫސުމީ ބަދަލުތަކުގެ ވާހަކަ ޙީއްސާކުރުން" މި މައުޟޫއުގެ މައްޗަށެވެ.
އެގޮތުން، މޫސުމާ ގުޅުންހުރި އެކި ދާއިރާތަކުން ދާއިރާގެ ތަޖުރިބާކާރުން ބައިވެވެރިވެވަޑައިގަންނަވާ ގޮތަށް ގިނަ ޕެނަލް ޑިސްކަޝަންތަކެއް މި ސަމިޓްގައި ކުރިޔަށްދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!