ލޭ އެޅުމަށް ބޭނުންވާ ސާމާނު ރާއްޖޭގެ 112 ރަށަކަށް ހެލްތު މިނިސްޓްރީން ހަދިޔާ ކޮށްފިއެވެ.

އެ މިނިސްޓްރީން މި ތަކެތި ހަދިޔާކޮށްފައިވަނީ ލެބޯޓްރީ ގާއިމް ކުރެވިފައިވާ 112 ސިއްހީ މަރުކަޒަށެވެ.

Ad
rt

މިއީ ރާއްޖޭގެ ސިއްހީ ހިދުމަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަދިޔާކުރާ ތަކެއްޗެވެ.

ގާތްގަޑަަކަށް 19 މިލިއަން ރުފިޔާ ހަރަދުކޮށް، މިތަކެތި ހަވާލުކުރުމަށް ނިންމާފައިވާއިރު، މި ތަކެތި ފުރަތަމަ ހަވާލުކޮށްފައި ވަނީ ކ. އަތޮޅުގެ ލެބޯޓްރީ ގާއިމް ކުރެވިފައިވާ ސިއްހީ މަރުކަޒުތަކަށެވެ. ކ. އަތޮޅުގެ މަރުކަޒުތަކަށް އެ ތަކެތި ހަވާލު ކޮށްދެއްވީ ހެލްތް މިނިސްޓަރު އަހްމަދު ނަސީމްއެވެ.

ހެލްތު މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މި ތަކެތި ދެންހުރި މަރުކަޒުތަކަށް ހަވާލު ކުރެވޭނެ ކަމަށެވެ.

ހެލްތް މިނިސްޓްރީން ސިއްހީ މަރުކަޒަށް ހަވާލުކޮށްފައިވާ ތަކެތީގެ ތެރޭގައި ބްލަޑް ކަލެކްޝަން މޮނިޓާއާއި ޕްލާސްމާ އެކްސްޓްރެކްޓާއާއި ބްލަޑް ބޭންކް ޓިއުބް ސްޓްރިޕާ ހިމެނެއެވެ. އަދި ބްލަޑް ބޭންކް ޓިއުބް ސީލާ އާއި ބްލަޑް ބޭންކް ވެއިން ސްކޭލް ވެސް ހިމެނެއެވެ.

ލޭ އެޅުމަށް ބޭނުންވާ މި އާލާތްތައް މި ރަށްރަށަށް ލިބުމުން ރައްޔިތުންނަށް ގާތުން ހިދުމަތް ދިނުމުގައި ފަސޭހަ ތަކެއްވެ، ރައްޔިތުން ލޭ އެޅުމަށް ހޭދަ ކުރަންޖެހޭ ވަގުތާއި ހަރަދު ސަލާމަތް ވެގެން ދާނެއެވެ. އަދި ރަށްރަށުގައި ދިރިއުޅޭ ތެލެސީމިއާ ކުދިންނަށް ފަސޭހައިން ލޭއެޅުމުގެ މަގު ތަނަވަސް ވެގެން ދާނެ ކަމަށެވެ.