އަންނަ ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީގެ ކެމްޕޭން މެނޭޖަރު ކަމަށް އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު އައްޔަންކޮށްފިއެވެ.

އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ 3 ވަނަ ދައުރުގެ މަޝްވަރާ މަޖިލީހުގެ 23 ވަނަ ބައްދަލުވުމުން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެމްޕޭން މެނޭޖަރު ކަމަށް ޢިޔާދު އައްޔަންކޮށްފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން އެ ބައްދަލުވުމުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީގެ ފަރާތުން ކެމްޕޭނު ވިލަރެސް ކުރުމަށްޓަކައި 13 މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓިއަރިންގ ކޮމީޓީއެއް ވެސް އުފައްދާފައެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި އަދާލަތުން ނިންމާފައި ވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ކަށަވަރުކޮށް ދިނުމަށްޓަކައި، އެމަނިކުފާނަށް ތާއީދުކޮށް އެމްޑީޕީއާއެކު ކުރިއަށް ދާށެވެ.

އަދާލަތުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސި ޢިޔާދަކީ އަދާލަތުގެ ނައިބު ރައީސްގެ އިތުރުން އެ ޕާޓީގެ ސްލޮޓެއްގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް ވަޒީރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

އަދާލަތުން އެމްޑީޕީއާއެކު އައު ކޯލިޝަނަކަށް އެއްބަސްވެފައިވާއިރު، މިހާރު މިހިނގާ ސަރުކާރުގައި ވެސް އެ ޕާޓީއަކީ މުހިންމު ބައިވެރިއެކެވެ. މިގޮތުން މި ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރައްވަނީ އަދާލަތުގެ ރައީސް ސައިޚް އިމްރާން ޢަބުދުﷲ އެވެ. އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ އަކީ ވެސް އެޕާޓީގެ ސްލޮޓެއްގައި ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ރައީސްގެ ޗީފް އޮފް ސްޓާފަކަށް އަދާލަތުގެ އަލީ ޒާހިރު ހުންނެވިއިރު، އެ ޕާޓީއަށް ނިސްބަތްވާ މެންބަރުން ދަނީ މި ނޫންވެސް ސަރުކާރުގެ މުހިންމު ގިނަ މަގާމުތައް ފުރުއްވަމުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.