ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަމުގެ ފުރިހަމަ ޔަގީން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް މިއަދު ދެއްވައިފިއެވެ

ޤާސިމް މި ޔަގީންކަން ދެއްވީ، މިއަދު ކުރިއަށް ގެންދިޔަ ޖުމްހޫރީ ޕާޓީގެ 155 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ.

Ad
rt

ޖޭޕީގެ ނައިބު ލީޑަރު، ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޝާޙް ވަނީ “ތިލަދުން” އަށް މިކަން ކަށަވަރުކޮށް ދެއްވާފައެވެ.

ޤާސިމް އެ ޔަޤީންކަން ދެއްވީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރުމާމެދު ބައެއް ފަރާތްތަކުން އަދިވެސް ސުވާލުއުފައްދައި، ސަޕޯޓަރުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭގޮތައް ވާހަކަ ދައްކާތީ އެކަމަށް ޖަވާބު ދެއްވަމުންކަމަށް ޝާހް ވިދާޅުވިއެވެ.

“އަޅުގަނޑު އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިޚާބުގައި ވާދަކުރާނަން، އެކަނި ނުކުންނަން ޖެހުނަސް ނުކުންނާނަން” ކައުންސިލް ބައްދަލުވުމުގައި ޤާސިމް ވިދާޅުވެފަވެއެވެ.

ޖޭޕީން ދަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ މަސައްކަތްތައް ކުރަމުންމެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމެވެ.

ޖޭޕީއާއެކު ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ ޝައުގު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން ފާޅުކުރައްވާފައިވާއިރު، އެ ފެކްޝަނާއެކު ޖޭޕީގެ މަޝްވަރާތައް ވެސް ދަނީ ކުރިއަށެވެ.